Last Updated: June 16, 18:01
Monday, June 16, 2025
ޚަބަރު

ރާއްޖެއިން އެސްވަތީނީއާ އެކު ސިޔާސީ ގުޅުން ޤާއިމްކޮށްފި

ރާއްޖެއާއި ކިންގްޑަމް އޮފް އެސްވަތީނީއާ ދެމެދު ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފިއެވެ.

ނިއުޔޯކްގައި ހުންނަ އދ އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި، ރާއްޖެއާއި އެސްވަތީނީގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރުމާ ބެހޭ ޖޮއިންޓް ކޮމިއުނިކޭގައި ސޮއިކުރެއްވީ ރާއްޖޭގެ ފަރާތުން އދ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެން އެވެ. އަދި އެސްވަތީނީގެ ފަރާތުން ސޮއިކުރެއްވީ އެސްވަތީނީއިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު މެލޫސީ މާރޓިން މަސޫކޫ އެވެ.

ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރުމާއެކު ދެޤައުމުގެ މެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް، ބައިނަލްއަޤްވާމީ މަސްރަހުގައި އެކުގައި މަސައްކަތްކުރުމަށް މަގު ފަހިވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އެސްވަތީނީއާއެކު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރުމުން، ދިވެހިރާއްޖެއިން ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފައިވާ ޤައުމުތަކުގެ ޢަދަދަކީ މިހާރު 175 އެވެ.

އެސްވަތީނީ އަކީ އެފްރިކާގެ ދެކުނުގައި، މޮޒަމްބީކް އާއި ދެކުނު އެފްރިކާ އާއި އިންވެގެން އޮންނަ، 1.1 މިލިއަން މީހުންގެ އާބާދީއެއްގެ ޤައުމެކެވެ.