މަރުވާ މީހުން ވަޅުލުން ޓޫރިޒަމްގެ އާ ޕްރޮޑަކްޓަކަށް ހެދިދާނެ ކަމަށް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިހެން ވިދާޅުވެފައިމިވަނީ ސްރީލަންކާގައި ކޮވިޑު ޖެހިގެން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުމުގެ އިންތިޒާމު ހަމަޖެއްސުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ފައްޓަވާފައިވާ ދަނޑިވަޅެއްގައެވެ.
އެކަމާ ގުޅިގެން ޖާބިރު ވިދާޅުވީ ރާއްޖެއަށް ގައިން ގަޔަށް އަރާއި ބޮޑެތި ބަލިޖެހިގެން މަރުވާ މީހުން ގެނެސް ވަޅުލުމުގެ އިންތިޒާމު ހަމަޖެއްސުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"އެހެންނަމަވެސް، ޓޫރިޒަމްގެ އާ ޕްރޮޑެކްޓެެއްގެ ގޮތުގައި "ފިއުނަރަލް ސާވިސަސް" ތައާރަފުކުރުމަކީ އިތުރު އާމްދަނީ ހޯދުމަށް ހުޅުވާލެވޭނެ ދޮރެއް" ޖާބިރު ވިދާޅުވިއެވެ.
ކޮވިޑްގައި ލަންކާ އިން މަރުވި 19 މުސްލިމުންގެ ހަށިގަނޑު އަންދާލަން އެގައުމުގެ ސަރުކާރުން ނިންމާފައިވާއިރު އެއީ އިސްލާމްދީނާއި ހިލާފު ކަމަކަށްވާތީ ލަންކާގެ މުސްލިމުން އަންނަނީ އެކަމާ ދެކޮޅު ހަދަމުންނެވެ.
ފޮރިން މިނިސްޓްރީން ބުނީ ކޮވިޑް ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
އަދި ރާއްޖޭގައި ސްރީލަންކާގެ މިފަދަ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ރައީސް ސާލިހަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
އެގޮތުން އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަޤްޞަދުގައި، އަދި ރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިޢާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ޚާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާ ކުރައްވަމުންދާ ކަމަށް މިނިސްޓްރީން ބުނެއެވެ.