Last Updated: June 16, 18:01
Monday, June 16, 2025
ޚަބަރު

ރިސޯޓު މުވައްޒަފުންނަށް ފުރަތަމަ ވެކްސިން ދިނުން ހައްގު: ހަސަންޓޭ

އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު - ފޮޓޯ: މަޖިލިސް

ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފުރަތަމަ ކޮވިޑް-19 ވެކްސިން ދިނުން ހައްގު ކަމަށް އިނގުރައިދޫ ދާއިރާގެ އަހްމަދު ހަސަން (ހަސަންޓޭ) މިއަދު ވިދާޅުވެއްޖެއެވެ.

ހަސަންޓޭ މިއަދު ވިދާޅުވީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ އިގްތިސާދާއި ކޮވިޑް-19 ގެ ވެސް "ފްރަންޓްލައިން" ކަމަށެވެ. އަދި އެއާޕޯޓުތަކުގެ މުވައްޒަފުންނެކޭ އެއްގޮތަށް ރިސޯޓު މުވައްޒަފުންނަށް ވެސް ފުރަތަމަ ވެކްސިން ލިބުން ހައްގު ކަމަށް އޭނާ ވިދާޅުވިއެވެ.

"މިކަމުގައި ސަރުކާރުން އިސް ކުރައްވާނެ ވިސްނުމާ ހިކުމަތާ މެދު ކުޑަ ވެސް ޝައްކެއް ނެތް،" ހަސަން ވިދާޅުވިއެވެ.

އެޗްއީއޯސީގެ ތަރުޖަމާން އަދި ކޮވިޑް ވެކްސިން ޓާސްކް ފޯހުގެ ވެރިޔާ ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް ވެކްސިން ހޯދުމަށް އުފައްދާފައިވާ ގްރޫޕް "ކޮވެކްސް" މެދުވެރިކޮށް ރާއްޖޭގެ އާބާދީގެ 20 ޕަސެންޓަށް ބޭނުންވާ ވެކްސިން ހޯދަން ހުށަހެޅި ލިޔުން ބަލައިގެންފައިވާ ކަމަށެވެ.

ރާއްޖެ އަށް ގެންނަން ނިންމާފައިވަނީ ކޮން ވައްތަރެއްގެ ވެކްސިނެއްކަން އަދި ނިންމާފައި ނުވާ ކަމަށާއި ވީހާ އަވަހަކަށް ވެކްސިން ގެންނަން މަސައްކަތް ކުރަމުންދާ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ. އަދި އުއްމީދަކީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެކްސިން ޖަހަން ފެށުން ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ލިބޭ ވެކްސިންގެ 17 ޕަސެންޓް ޖެހުމަށް ހަމަޖެހިފައިވަނީ 50 އަހަރުން މަތީގެ މީހުންނާއި ކޯވިޑް-19 ޖެހިއްޖެނަމަ، ބަލީގައި ބޮޑުވަރު ވެދާނެ މީހުންނަށެވެ. އަދި ތިން ޕަސެންޓް ވެކްސިން ސީދާ އަދި ނުސީދާ ގޮތުގައި ބަލިމީހުންނަށް އެހީތެރިވާ މީހުން އަދި ބަލީގައި ބޮޑުވަރު ވެދާނެ މީހުންނަށް އެހީތެރިވާ މީހުންނަށް ދިނުމަށް ވަނީ ނިންމާފައެވެ.

މީގެއިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުން، ކުޑަކުދިން އަދި ދުވަސްވީ މީހުންނަށް ހިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ މީހުން، ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް ވެސް ވެކްސިން ދިނުމުގައި އިސްކަންދޭނެ ކަމަށް އެޗްއީއޯސީން ހާމަކުރެއެވެ.