މާލޭ ސިޓީ މަޖީދީމަގުގައި އިތުރު ފަޔަރ ހައިޑްރަންޓް ސިސްޓަމްތައް ބަހައްޓަން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ނިއްވުމަށް ފެން ފޯރުކޮށްދިނުމަށް މަޖީދީމަގުގައި ފަޔަރ ހައިޑްރަންޓް ސިސްޓަމް ބެހެއްޓުމުގެ އަމަލީ މަސައްކަތް ފެށީ މިމަހުގެ 13 ވަނަ ދުވަހު ކަމަށެވެ. މިގޮތުން، މަޖީދީމަގުގައި ޖުމުލަ 12 ހައިޓްރަންޓް ބެހެއްޓުމަށް ނިންމާފައިވާއިރު، މިހާތަނަށް ތިން ހައިޑްރަންޓް ހަރުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މިގޮތުން، މަޖީދީމަގުގެ މާފަންނު މަދަރުސާ ކައިރީގައާއި، މާފަންނު ސަހަރާ ކައިރީގައި އަދި ޝާރިއުވަރުދީ ކައިރިން މަޖީދީމަގުގައި ހައިޑްރަންޓްތައް ހަރުކޮށް ވަނީ ނިމިފައެވެ. އަދި، އަސަރީގޯޅި ކައިރިން މަޖީދީމަގުގައި ހަތަރުވަނަ ހައިޑްރަންޓް ބެހެއްޓުމުގެ މަސައްކަތް ބާރު ސްޕީޑުގައި ދަނީ ކުރަމުންނެވެ.
މި މަސައްކަތް އަމަލީ ގޮތުން ކުރަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއާއި އެމްޑަބްލިޔުއެސްސީ ގުޅިގެންނެވެ. މި ޕްރޮޖެކްޓްގައި މަސައްކަތަށް ބޭނުންވާ މެޓީރިއަލް ފޯރުކޮށްދިނުމާއި މަސައްކަތަށް ފަސޭހަކުރުމަށް ފެން ހިއްކަންޖެހޭ ހާލަތްތަކުގައި ފެން ހިއްކުމާއި ސައިޓް ސްޕަވައިޒްކުރުމުގެ މަސައްކަތް ކުރަމުންދަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިންނެވެ.
މިމަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާނަމަ އަންނަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.