Last Updated: June 16, 18:01
Monday, June 16, 2025
ވިޔަފާރި

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފައިދާ 86 ޕަސެންޓް ދަށަށް

އެމްޓީސީސީގެ 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން - ފޮޓޯ: ޓްވިޓާ (އެމްޓީސީސީ)

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލިބުނު ފައިދާ 86 ޕަސެންޓް ދަށަށް ހިނގައްޖެއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑުން (ޕީސީބީ) ނެރުނު ސަރުކާރު ކުންފުނިތަކުގެ ދެވަނަ ކުއާޓާރުގެ މާލީ ހިސާބުތަކުގެ ރިޕޯޓުގައިވާ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 138 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅަބަލާއިރު 86 ޕަސެންޓް ދަށްވުމެކެވެ.

އެ ރިޕޯޓުގައިވާ ގޮތުން އެސްޓީއޯ އާއި އެމްޓީސީސީ ފިޔަވައި އެހެން ކުންފުނިތަކަށް ލިބުނު ފައިދާ ވަނީ ދެވަނަ ކުއާޓަރުގައި ދަށްވެފައެވެ. އެގޮތުން އެމްޓީސީސީ އަށް މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި 14 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބުނުއިރު، އެސްޓީއޯ އަށް މި އަހަރު 104 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވެއެވެ.

މީގެއިތުރުން އެމްއޭސީއެލް އާއި އެމްޕީއެލް އަކީ ވެސް މީގެ ކުރިން ބޮޑުތަނުން ފައިދާވި ކުންފުނިތައް ނަމަވެސް ދެވަނަ ކުއާޓަރުގައި އެ ދެ ކުންފުންޏަށް ވެސް ގެއްލުމާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

މިދިޔަ ކުއާޓަރުގައި ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑަށް އާމްދަނީ ދަށްވެފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު 346 މިލިއަން ރުފިޔާ ލިބުނު ނަމަވެސް މި އަހަރު ލިބިފައިވަނީ 166 މިލިއަން ރުފިޔާ އެވެ. މިއީ 148 ޕަސެންޓުގެ ދަށްވުމެކެވެ.