Last Updated: June 16, 18:01
Monday, June 16, 2025
ޚަބަރު

ނިހާނަށް ދައުވާކުރަން ޕީޖީ އަށް ފޮނުވައިފި

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާނަށް ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ޕީޖީ ހުސެއިން ޝަމީމް "މިހާރު" ނޫހަށް ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވީ ނިހާނަށް ދައުވާކުރަން ފޮނުވިތާ ދެ ދުވަސް ވެފައިވާ ކަމަށާއި މިހާރު ކުރަމުން ދަނީ އެ މައްސަލައިގައި ބަލަންޖެހޭ އިތުރު ކަންކަން ބެލުމުގެ މަސައްކަތް ކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް ދައުވާ އުފުލަން ކޯޓަށް ފޮނުވާނެ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

ނިހާންގެ މައްޗަށް ދައުވާކުރަން ޕީޖީ އަށް ފޮނުވިއިރު ފުލުހުން ވަނީ އޭނާގެ ޕާސްޕޯޓު ހިފަހައްޓައި ރާއްޖެއިން ބޭރަށް ފުރުން ވެސް މަނާކޮށްފައެވެ.

އެމްއެމްޕީއާރްސީ ހިޔާނާތާއި ގުޅިގެން މިދިޔަ އޮކްޓޫބަރު މަހު ނިހާން އެސެޓް ރިކަވަރީ ކޮމިޝަނަށް ހާޒިރުކޮށް ސުވާލު ވެސް ކޮށްފައިވެއެވެ.

ބޮޑު ހިޔާނާތާއި ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަނުން ނިހާން އާއި ސުވާލުކޮށްފައިވާއިރު ދާދިފަހުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގައި ވާހަކަދައްކަވަމުން އެ ކޮމިޝަނުގެ ރައީސް އަހުމަދު އައްސަދު ވިދާޅުވީ އެމްއެމްޕީއާރްސީ ހިޔާނާތާއި ގުޅޭ ބޮޑެތި މައްސަލަތަކެއް ކޯޓަށް ފޮނުވަން ތައްޔާރުވެފައިވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީގައި މިވަގުތު ހުންނެވި ނިހާން ވަނީ މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތިނަދޫ ދެކުނު ދާއިރާ އަށް ކުރިމަތިލައްވާފައެވެ. ނަމަވެސް އެ އިންތިހާބުން ބޮޑު ތަފާތަކުން ނިހާން އަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންފައެވެ.