ފުވައްމުލަކު ސިޓީގެ އެތެރޭ މަގުތައް ހެދުމުގެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ މަސައްކަތް ޝެޑިއުލާއި އެއްގޮތަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ދުވާރު ހެދުމުގެ މަސައްކަތް ރޭގަނޑު ގަޑީގައި ކުރަމުންދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
މި މަޝްރޫޢުގެ ދަށުން 31 މަގުގެ 15،932 މީޓަރުގެ ސަރަހައްދެއް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
އަދި 122،659 ސްކުއެއާ މީޓަރުގެ ސަބް ބޭސް ހެދުމާއި، 95،239 ސްކުއެއާ މީޓަރުގެ ތާރު އެޅުމާއި، ފައިމަގުގައި ހިނގާ ސަރަހައްދެއް ހެދުމާއި، މަގުތަކުގައި ބައްތި ހަރުކުރުމާއި އަދި ފެން ހިންދާ ނިޒާމު މަސައްކަތް ވެސް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.
މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ހަތަރުވަނަ ދުވަހުއެވެ.