Last Updated: June 16, 18:01
Tuesday, June 17, 2025
ޚަބަރު

ފިޔަވަޅެއް ނޭޅި، ފްލައިން ސްކޫލްގެ ފްލައިޓްތައް ގްރައުންޑް ވެއްޖެ

އައްޑޫ ސިޓީ ގަމުގައި ހިންގާ ފްލައިން ސްކޫލްގެ ފްލައިޓްތައް އަނެއްކާވެސް ގްރައުންޑް ވެއްޖެއެވެ.

ފްލައިން ސްކޫލްގެ ދަރިވަރުންގެ ޔޫނިއަނުން މައުލޫމާތު ދެމުން ބުނީ މިހާތަނަށް ސްކޫލްގައި ދުއްވަމުން އައީ ސެސްނާ 150 ގެ އެއް ބޯޓު ކަމަށާއި ނަމަވެސް މެއިންޓެނެންސް މައްސަލަތަކެއް ދިމާވެ މީގެ ދެ ދުވަސް ކުރިން އެ ފްލައިޓް ގްރައުންޑް ވެފައިވާ ކަމަށެވެ.

އަދި ތެޔޮ ނެތުމުގެ ސަބަބުން ސްކޫލްގައި ބޭނުން ކުރަމުން އަންނަ މަލްޓި އިންޖީނު ބޯޓު ވެސް ދެ ދުވަސް ކުރިން ގްރައުންޑް ވެފައިވާ ކަމަށާއި މަލްޓި އިންޖީނު ބޯޓަކީ ސީޕީއެލް ޗެކްރައިޑް އަޅަން ސްކޫލްގައި އޮތް ހަމައެކަނި ބޯޓުކަން ވެސް ދަރިވަރުންގެ ޔޫނިއަނުން ފާހަގަކުރެއެވެ.

"ޖެނުއަރީން ފެށިގެން މަލްޓި އިންޖީނު ބޯޓު އޮތީ ހަލާކުވެފައި. މީގެ އެއް މަސް ކުރިން ހަދައިގެން އެ ބޯޓު ނެރުނުތާ މާގިނަ ދުވަސްތަކެއް ނުވަނީސް އަނެއްކާވެސް ވަނީ މެއިންޓެނެންސް އަށް ގޮސްފައި. ދެވަނަ ފަހަރަށް އެ ބޯޓު މި ނެރުނީ މީގެ ހަފްތާއެއްހާ ދުވަސްކުރިން. އެ ބޯޓުން ދަރިވަރުންނަށް ފްލައި މިވީ އެންމެ ތިން ދުވަހު، މިހާރު އަނެއްކާވެސް ތެޔޮ ނެތިގެން އެ އޮތީ ގްރައުންޑް ވެފައި. މިހާރު ނެތް އެއްވެސް ފްލައިޓެއް" ޔޫނިއަންގެ ދަރިވަރަކު ބުންޏެވެ.

މަލްޓި އިންޖީނު ބޯޓު ގްރައުންޑް ވިއިރު އެ ބޯޓުން ޗެކްރައިޑް އަޅަން 40 އަށް ވުރެ ގިނަ ދަރިވަރުން ތިބިކަން ވެސް ޔޫނިއަނުން ފާހަގަކުރެއެވެ.

"މިކަހަލަ މެއިންޓެނެންސް މައްސަލަތަކާއި ހުރެ މަލްޓި ގްރައުންޑް ވާނަމަ ދަރިވަރުންގެ ގަޑި އިތުރުވެ، އަތުންދާ ހަރަދު ވެސް ބޮޑުވާނެ. ގަޑިއަކަށް 600 ޑޮލަރު ދައްކަންޖެހޭ. މިހެންވާނަމަ 40 ދަރިވަރުން ނިމެން ދެ އަހަރު ވެސް ނަގާފާނެ" ޔޫނިއަނުން ބުނެއެވެ.

ފްލައިން ސްކޫލްގެ ބޯޓުތައް ގްރައުންޑް ވެފައިވާއިރު، އެ ސްކޫލަށް ފިޔަވަޅު އެޅުން ލަސްވާތީ އާންމުންގެ ގިނަ ބަޔަކު އަންނަނީ އެކަމާ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.