Last Updated: June 16, 18:01
Tuesday, June 17, 2025
ވިޔަފާރި

މިއަހަރުގެ ފަސް ލައްކަ ވަނަ ޓޫރިސްޓު ރާއްޖެ އަތުވެއްޖެ

ފަސް ލައްކަ ވަނަ ފަތުރުވެރިޔާ - ފޮޓޯ: ވިޒިޓް މޯލްޑިވްސް

މިއަހަރުގެ ފަސް ލައްކަ ވަނަ ޓޫރިސްޓު މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

އަހަރުގެ ފަސް ލައްކަ ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ބޯޑަރުތައް ބަންދުކުރުމާ ގުޅިގެން ސަރުކާރުން މިއަހަރަށް ކަނޑައަޅާފައިވަނީ ރާއްޖެ އަށް ފަސް ލައްކަ ޓޫރިސްޓުން ގެނައުމަށެވެ. އެގޮތުން އެންމެ ފުރަތަމަ އަންދާޒާ ކުރެވުނީ ފަސް ލައްކަ ފަތުުރުވެރިން ހަމަވާނީ މި މަހުގެ 25 ވަނަ ދުވަހަށް ކަމަށެވެ. ނަމަވެސް ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ އަންދާޒާ ކުރި ވަރަށް ވުރެ އަވަހަށް ފަސް ލައްކަ ފަތުރުވެރިންގެ އަމާޒު ވަނީ ހާސިލުވެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރީ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. އަލުން ބޯޑަރު ހުޅުވާލީ މިދިޔަ މަހުގެ 15 ދުވަހު އެވެ.

ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1 ލައްކައަށް މިދިޔަ ހަފްތާގައި އަރާފައިވާއިރު، އެ އަމާޒަށްވެސް ކުރިން ލަފާކުރި ދުވަހަށްވުރެ ކުރިން ވަނީ ވާސިލުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަހަރު 525000 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެ ކަމަށް މިހާރު އަންދާޒާކުރެވޭ ކަމަށެވެ. އަދި އަންނަ އަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެކަމަށް މިހާރު އެ މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.