މި ސަރުކާރުން މަސްވެރިންނަށް އިހުމާލުވެފައިވާ ކަމަށާއި "ނޫ ރާއްޖެ" ސިޔާސަތު ހިންގުމުގެ ހައްގެއް މި ސަރުކާރަށް އޮތް ކަމަކަށް ގަބޫލުނުކުރައްވާ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ ރާއްޖޭގެ ކަނޑުފަޅުތަކާއި ކަނޑުތަކުގެ ދިރުން ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއާ ގުޅިގެން "ނޫ ރާއްޖެ" ނަމުގައި ހާއްސަ ޕްރޮގްރާމެއް ސަރުކާރުން އިފްތިތާހު ކުރުމާ ގުޅިގެންނެވެ.
އެގޮތުން މާވަށު ދާއިރާގެ މެމްބަރުކަން މިހާރު ކުރައްވަމުން ގެންދަވާ ސައީދު ވިދާޅުވީ މަސްވެރިންނަށް އިހުމާލުވި ސަރުކާރަށް "ނޫ ރާއްޖެ" ސިޔާސަތު ހިންގުމުގެ ހައްގެއް އޮތްކަމަށް ޤަބޫލުކުރާނެ ފަޅުވެރިއެއް، ކެޔޮޅެއް، އޮޑިވެރިއެއް، ނެތްކަން ވެރިކަން ކުރާ ޕާޓީންވެސް ޤަބޫލުކުރާނެ ކަމަށެވެ.
"އަންނަ އަހަރުގެ ހޭދަ ބޮޑު 34 ބިލިޔަން ރުފިޔާގެ ބަޖެޓްގައި މަސްވެރިކަމަށް އޮތީ ވަރަށް ކުޑަމިންވަރެއް. ބޮޑީ ސަރުކާރުގެ ޚަރަދު" ސައީދު ވިދާޅުވިއެވެ.
2024 ވަނަ އަހަރުގެ ނިޔަލަށް ކުރިއަށްގެންދާ ނޫ ރާއްޖެ ޕްރޮގްރާމްގެ ދަށުން ވަރަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ. މީގެ ތެރޭގައި ރާއްޖޭގެ ކަނޑުފަޅުގެ ދުޅަހެޔޮކަމުގެ ޙާލަތު ދެނެގަތުމުގެ ގޮތުން ކުރާ ދިރާސާތަކާއި، އެންމެ ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުފަޅުން ނަފާ ހޯދާނެ ގޮތާގުޅޭ ސިޔާސަތުތައް އެކުލަވައިލުމާއި، އެންމެ ކާމިޔާބުކަމާއެކު ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކޮށް ރައްކާތެރިކުރެވޭނެ ގޮތްތައް ހޯދާނެއެވެ.
މި ޕްރޮގްރާމް މެދުވެރިކޮށް، ނޫ އިޤްތިޞާދެއް ބިނާކުރުމުގައި ޤުދުރަތީ ދިރުންތައް ދެމެހެއްޓޭނެގޮތަކަށް ސިޔާސަތުތައް އެކަށައަޅައި ކުރިއަށް ދިއުމުގައި ބޭނުންކުރާނެ މެރިޓައިމް ސްޕޭޝަލް ޕްލޭންތައް އެކުލަވައިލުމާއި، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ 20 އިންސައްތައަކީ ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައެޅުމަކީ ސަރުކާރުގެ މަޤްޞަދެކެވެ.