Last Updated: June 16, 18:01
Tuesday, June 17, 2025
ޚަބަރު

ގުރައިދޫ އާއި ވޭވަށު ބަނދަރުގެ މަސައްކަތް ކުރިއަށް

ތ. ގުރައިދޫ އާއި މ.ވޭވަށު ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ އެންމެފަހުގެ މައުލޫމާތު އެމްޓީސީސީން ދީފިއެވެ.

އެގޮތުން އެމްޓީސީސީން ބުނީ ގުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތައް ކަމަށެވެ. މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

ގުރައިދޫ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 475 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 46,015,831.72 ރުފިޔާ އަށެވެ.

މި މަޝްރޫއުގެ ދަށުން ގުރައިދޫ ބަނދަރުގައި ބޮޑުހިލަ ބޭނުންކޮށްގެން ބޭރުތޮށި ހެދުމާއި، ނެރުފައިކަށި ޖެހުމަށް ހަމަޖެހިފައިވާއިރު، 370 މީޓަރުގެ އެއްގަމު ތޮށި ހެދުމަށް ހަމަޖެހިފައިވެއެވެ. އަދި ރޭމްޕެއް ހަދައި، 15 މޫރިން ބޮއެ ހަރުކޮށް، އެއްގަމު ތޮށިން ބޭރު ތޮއްޓަށް އެރުމަށް ވޯކްވޭއެއް ހެދުމަށާއި، ބަނދަރުގެ އެއްގަމު ތޮށީގައި ޑްރެއިނޭޖް ލައި، 18 ބަނދަރު ބައްތި ހަރުކުރުމަށް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން ދެ ނެރުބައްތި ހަރުކޮށް، ބަނދަރުގެ އެއްގަމު ތޮށީގައި 5 މީޓަރު ފުޅާކޮށް ޕޭވްމެންޓް ހަދައި، ބަނދަރު އަދި ނެރު ފުންކުރުމަށްވެސް ހަމަޖެހިފައެވެ.

އަދި ވޭވަށު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތަކުގެ 79 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން 800، 300 ފޫޓަށް ބަނަދަރު ބޮޑުކުރުމާއި، 350 މީޓަރުގެ ބޭރު ތޮސި ލުމާއި، 130 މީޓަރުގެ ސަރަހައްދެއްގައި ރިވަމެންޓް ޖެހުމާއި، 380 މީޓަރުގެ އެއްގަމުތޮށި ލުމާއި، 1880 އަކަމީޓަރުގެ ޕޭވްމަންޓު ހެދުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

އަދި ދެ ނެރުބައްތި ހަރުކުރުމުގެ އިތުރުން ބަނދަރު ސަރަހައްދުގައި 19 ބައްތި ހަރުކުރުންވެސް މި މަޝްރޫއުގެ ދަށުން ވޭވަށުގައި ކުރިއަށްދާނެ ކަމަށް އެމްޓިސީސީން ބުންޏެވެ.

ވޭވަށު ބަނދަރު ހެދުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު ޥެޔވަމަހުގެ 27 ވަނަ ދުވަހު 48،863،172.98 ރުފިޔާއަށެވެ.