Last Updated: June 16, 18:01
Tuesday, June 17, 2025
ޚަބަރު

ގައުމީ އިނާމާއި ހާއްސަ އިނާމު ދިނުމުގެ ޖަލްސާ މި މަހު 26 ގައި

ދިވެހި ދައުލަތުން މި އަހަރު ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށް ބާއްވަވާ ރަސްމީ ޖަލްސާ، މި މަހުގެ 26 ވާ ހޮނިހިރު ދުވަހުގެރޭ ބާއްވަވާގޮތަށް ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން ބުނީ މި ޖަލްސާ އޮންނާނީ، އެރޭ 8:30 ގައި ޖުމްހޫރީ މައިދާނުގައެވެ. މި ޖަލްސާ ބާއްވަވަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެންނެވެ.

މި ޖަލްސާގައި ދެއްވާ އިނާމުތަކުގެ ތެރޭގައި، ޤައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްޞަ އިނާމު ހިމެނޭނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށް މި ބާއްވަވާ ޖަލްސާ އިންތިޒާމު ކުރައްވަނީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒުންނެވެ.

އަދި މި ޖަލްސާގެ ކަންތައްތައް ރާއްވަވަމުން ގެންދަވަނީ، އެޗް.ޕީ.އޭ.ގެ އިރުޝާދާއެކު ކޯވިޑުގެ ޙާލަތާ ގުޅިގެން އަޅުއްވަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައި ކަމަށާއި އެހެންކަމުން، ޖަލްސާއަށް ދަޢުވަތު އަރުވާ ބޭފުޅުންގެ އަދަދު، އެހެން އަހަރުތަކަށްވުރެ މި އަހަރު މަދުވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.