Last Updated: June 16, 18:01
Tuesday, June 17, 2025
ޚަބަރު

ސަރުކާރު ވެއްޓުނު ނުދީ ހިފަހައްޓަން އެޗްޕީއޭ އިން އުޅޭކަމުގެ ތުހުމަތު

ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) ސިފަކުރެވެނީ ސަރުކާރު ވެއްޓުނު ނުދީ ހިފަހައްޓާ މުޑިއެއްގެ ގޮތަށް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ތުހުމަތުކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެ ކޯލިޝަނުގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ކެމްޕޭން ކޮށްދިނުމަށް ކޯލިޝަންގެ ލީޑަޝިޕުުން ރަށްތަކަށް ދަތުރުކުރަން ބޭނުންވާ ކަމަށާއި ނަމަވެސް ތަކުރާރުކޮށް ސިޓީ ފޮނުވުމުން ވެސް ޖަވާބެއް ނުލިބޭއިރު ގުޅުމުން ފޯނު ވެސް ނުނަގާ ކަމަށެވެ.

"މިއަދު ހަގީގަތުގައި އެޗްޕީއޭ އަކީ ސަރުކާރު ނަގަހައްޓާ، ސަރުކާރު ދަމަހައްޓާ އަދި ސަރުކާރު ވެއްޓުނަ ނުދީ ހިފަހައްޓާ މުޑިއެއްގެ ގޮތުގައި އޮތް ތަނެއްގެ ގޮތުގައި ސިފަކުރެވެނީ" ހީނާ ވިދާޅުވިއެވެ.

އަދި މިރޭ ފުވައްމުލަކު ސިޓީގައި އިދިކޮޅުން ބާއްވާ ޖަލްސާ އަށް އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތީން ލީޑަޝިޕްގެ ބޭފުޅުން އެ ރަށަށް ދަތުރުކުރުމުގެ ހުއްދައަކަށް ވެސް އެދިފައިވާ ކަމަށާއި ނަމަވެސް އެއަށް ވެސް ޖަވާބެއް އެޗްޕީއޭގެ ފަރާތުން ލިބިފައި ނުވާ ކަމަށް ހީނާ ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކާއި މެދު މިގޮތަށް ކަންތައް ކުރަމުންދާއިރު ސަރުކާރަށް ނިސްބަތްވާ ބޭފުޅުންނަށް ރަށްތަކަށް ދަތުރުކުރުމުގެ ހުއްދަ އާއި ހައްގު ލިބެމުންދާ ކަމަށް ހީނާ ވިދާޅުވިއެވެ. އެގޮތުން ހީނާ ވަނީ ރާއްޖޭގެ ރަށްތަކަށް ކޮވިޑް ފެތުރެނީ އިދިކޮޅުން ދަތުރުކުރުމުންތޯ ވެސް ސުވާލު ކުރައްވާފައެވެ.

އަދި މިގޮތަށް މި ކަންކަން ދާނަމަ ކައުންސިލް އިންތިހާބު އިންސާފުވެރިވާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި ހަމަހަމަ ކަމާއެކު ކެމްޕޭން ކުރުމުގެ ފުރުސަތު ނުލިބޭ ގޮތަށް އިންތިހާބު ބާއްވައިފިނަމަ އިދިކޮޅުން ކޯޓަށް ދާނެ ކަމަށްވެސް ހީނާ ވަނީ ވިދާޅުވެފައެވެ.