Last Updated: June 16, 18:01
Tuesday, June 17, 2025
ޚަބަރު

އެންމެފަހުން ވަކީލުންނަށް ޔާމީންއާ ބައްދަލުވެއްޖެ

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި މިއަދު ބައްދަލުކުރެވިފައިވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.

ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް އުޅުއްވާ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ވިދާޅުވީ ޤާނޫނީ ވަކީލުންނާ ބައްދަލުވުންވެސް ރައީސް ޔާމީނަށް އޮތީ ހަނގުރާމައެއް ކުރުން ފަދަ ކަމަކަށްވެފައި ކަމަށެވެ.

"މި މަހު 6 ގައި ކޯޓް އަޑުއެހުމަށްފަހު ސަރުކާރުން ކުރިމަތިކުރި ޣައިރު ޤާނޫނީ ހުރަސްތަކަށްފަހު މިއަދު ވަނީ އަލުން ބައްދަލުވުންތައް ފެށިފައި. މިވަރު ވީމާ ޑިމޮކްރެސީގެ ނަމަށްވެސް ހުތުރު" ޖަމީލު ވިދާޅުވިއެވެ.

ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖަމީލު ވަނީ މި މަހުގެ ހަވަނަ ދުވަހު އޮތް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމަށް ފަހު ކުއްލިއަކަށް ވަކީލުންގެ ބައްދަލުވުމަށް ކޮންމެ ފަހަރަކު ޕީސީއާރު ޓެސްޓު ހެދުމުން ނޫނީ ބައްދަލުވުން ހަމަނުޖެހޭނެ ކަމަށް ހޯމް މިނިސްޓްރީން އަންގާފައިވާ ކަމަށް ވިދާޅުވެފައެވެ.

ކޮން ބޮޑުކަމެއް ދިމާވެގެންތޯ، ރަޝްކޮށްގެން ކޮވިޑުގެ ތެރޭގައި މި ޝަރީއަތް ހިންގަން ތި އުޅުއްވަނީ؟ އާއްމު ހާލަތެއް އަންނަންދެން މަޑުކުރަންވީ ނޫންތޯ؟ އާއްމު ހާލަތެއް އަންނަން ދެން ރައީސް ޔާމީންގެ މައްޗަށް އޮތް ދައުވާތައް މަޑުކުރުމަކުން، މާސިންގާ ބޮޑު އާފާތެއް މިތަނަށް އައިސް ވެއްޓެނީތޯއޭ؟" ޖަމީލު ވިދާޅުވިއެވެ.

ޔާމީން ފަސް އަހަރަށް ޖަލަށްލި މައްސަލައިގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު އެ މައްސަލަ މިހާރު އޮތީ ހުކުމާއި ހަމައަށް ގޮސްފައެވެ. އަދި ޔާމީންގެ މައްޗަށް ދައުލަތުން ވަނީ އިތުރު އާ ދެ ދައުވާއެއް އުފުލާފައެވެ.

އެގޮތުން ޔާމީންގެ މައްޗަށް ދައުލަތުން އެންމެފަހުން އުފުލީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ.