Last Updated: June 17, 13:35
Tuesday, June 17, 2025
ޚަބަރު

މާފުއްޓަށް 2200 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

ކ.މާފުށި

ގެސްޓްހައުސްގެ ވިޔަފާރި ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ކ.މާފުއްޓަށް ބޯޑަރު ހުޅުވުނުފަހުން 2200 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތައް ބަންދުކޮށްފައިވަނީ މިދިޔަ މާރޗުމަހުގެ 17 ވަނަ ދުވަހުއެވެ. އަދި އަލުން ގެސްޓްހައުސްތައް ހުޅުވާފައިވަނީ މިދިޔަ އޮކްްޓޫބަރު މަހުގެ 15 ވަނަ ދުވަހު އެވެ.

މާފުށި ހެލްތު ސެންޓަރުން ބުނީ ބޯޑަރު ހުޅުވުނުފަހުން މާފުއްޓަށް 2200 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށެވެ. މިހާތަނަށް 15 ފަތުރުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވިއިރު، އެކްޓިވް ކޭސްގެ ގޮތުގައި އެ ރަށުގައި ހަތަރު ކޭސް އުޅޭ ކަމަށް މާފުށި ހެލްތު ސެންޓަރުން ބުނެއެވެ. އަދި ރަށުގެ ތެރޭގައި ކޮމިއުނިޓީ ސްޕްރެޑެއް ނެތް ކަމަށްވެސް ބުނެފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން މިހާތަނަށް 130 އަށް ވުރެ ގެސްޓްހައުސްއެއް ހުޅުވުމުގެ ހުއްދަ ވަނީ ދޫކޮށްފައެވެ.

މާފުއްޓަކީ ލޯކަލް ޓޫރިޒަމް ރާއްޖޭގައި އެންމެ ފުޅާކޮށް ކުރާ އެއް ރަށް ކަމަށްވާއިރު، ރާއްޖޭގެ އެންމެ ބޮޑު ގެސްޓްހައުސް ވެސް މިހާރު ހުރީ މާފުށީގައެވެ.