ސިފައިންގެ ޝަރަފުގެ ހިނގާލުމާއެކު ހދ.ކުޅުދުއްފުށީގައި މިއަދު ހަވާ އަރުވަައިފިއެވެ.
އެމްއެންޑީއެފް ނޮދަން އޭރިއާ ޅ.މާފިލާފުށީގައި ތިން މަސް ދުވަހަށް ކުރިއަށްގެންދިޔަ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން ރާއްޖޭގެ އުތުރުގެ ތިން ރަށްކަމަށްވާ ކުޅުދުއްފުއްޓާއި ހއ.ދިއްދޫ އަދި ހއ.އިހަވަންދޫގައި ބާއްވަން އެމްއެންޑީއެފުން ވަނީ ނިންމާފައެވެ.
އެގޮތުން މިއަދު ޝަރަފުގެ ހިނގާލުން ހދ. ކުޅުދުއްފުށީގައި ބޭއްވިއިރު މާދަމާ ހއ.ދިއްދޫގައި ޝަރަފުގެ ހިނގާލުން ބާއްވަން ވަނީ ހަމަޖައްސާފައެވެ. އަދި ހއ.އިހަވަންދޫގައި ޝަރަފުގެ ހިނގާލުން ބާއްވާގޮތަށް ހަމަޖެހިފައިވަނީ މިމަހު 19 ވަނަ ދުވަހުއެވެ.
މި ރަށްރަށުގައި ބޭއްވޭ ޝަރަފުގެ ހިނގާލުން ކުރިއަށްދާނީ އެ ރަށްތަކުގެ ބޮޑެތި މަގުތަކުގައި އެދުވަސްތަކުގެ ހަވީރު 4:00 އިން 5:00 އާ ދެމެދުއެވެ. މި ރަށްރަށުގައި ޝަރަފުގެ ހިނގާލުން އޮންނަ ދުވަސްތަކުގެ ރޭގަނޑު، ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) ގެ ހެޔޮއެދުންތަކާއެކު، ހަވާ އަރުވާގޮތަށް ވަނީ ހަމަޖެހިފައެވެ.
އަދި، މި ޝަރަފުގެ ހިނގާލުން ބޭއްވޭ ރަށްރަށުގައި ސިފައިންގެ ޚިދުމަތާ ގުޅޭގޮތުން މަޢުލޫމާތު ހޯދަން ޝައުޤުވެރިކަން ހުންނަ ސްކޫލުތަކުގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދާ ގޮތަށް ވަނީ ނިންމާފައެވެ.
66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުން މިމަހުގެ 15 ވަނަ ދުވަހު ޅ. މާފިލާފުށީގައި ހުންނަ "ދަ ބޭސިކް ސްކޫލު" ގައި ވަނީ ބާއްވާފައެވެ. ޅ.މާފިލާފުށީގައި ހިންގި 66 ވަނަ އަސާސީ ތަމްރީނު ކޯހަކީ ތިން މަސް ދުވަހުގެ މުއްދަތަށް ހިންގި ކޯހެކެވެ. މި ކޯހުގައި 97 ދަރިވަރުން ބައިވެރިވެފައިވެއެވެ.
ސިފައިންގެ އަސާސީ ތަމްރީނު ކޯހެއްގެ ދަސްވެނިވުން ފާހަގަކުރުމުގެ ގޮތުން ބޭއްވޭ ޝަރަފުގެ ހިނގާލުމަކީ އާންމުންނަށް ހުޅުވާލައިގެން މިގޮތަށް ބޭއްވޭ ފުރަތަމަ ޝަރަފުގެ ހިނގާލުމެވެ. މީގެކުރިން ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުންތަކަކީ ސިފައިންގެ ތަމްރީނު މަރުކަޒުތަކުގައި ނުވަތަ ހެޑްކްއޯޓަރޒެއްގައި ބޭއްވެމުން ދިޔަ ޝަރަފުގެ ހިނގާލުންތަކެކެވެ.
އެހެންނަމަވެސް، މި އަހަރުން ފެށިގެން، ރާއްޖޭގެ އެކި ރަށްރަށުގައި ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން ބާއްވަން ނިންމާފައިވަނީ، މިފަދަ ޝަރަފުގެ ހިނގާލުންތައް ރަށްރަށުގެ ރައްޔިތުންނަށް ކައިރިން ބައްލަވާލެއްވުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އަދި، ކުރިއަށްއޮތް ތަނުގައި، އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން، އެ ކޯހުގެ ތަމްރީނުތައް ކުރިއަށްދާ އެމްއެންޑީއެފް އޭރިއާއަކަށް ނިސްބަތްވާ ރަށްރަށުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.