Last Updated: June 17, 13:35
Tuesday, June 17, 2025
ކުޅިވަރު

ފީފާގެ މޮޅު ކުޅުންތެރިއާގެ އެވޯޑު ލެވެންޑޯސްކީ އަށް

ފީފާގެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ބަޔާން މިއުނިކުގެ ފޯވާޑް ރޮބަޓް ލެވެންޑޯސްކީ މި އަހަރު ކާމިޔާބުކޮށްފި އެވެ.

މި އެވޯޑު ޕޮލެންޑަށް އުފަން ލެވެންޑޯސްކީ ހާސިލުކުރީ ޔުވެންޓަސް އަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާގެ ލިއޮނަލް މެސީއާ ވާދަކޮށެވެ.

ލެވެންޑޯސްކީ މި އެވޯޑު ކާމިޔާބުކުރިއިރު މިދިޔަ ސީޒަނުގައި އޭނާ ވަނީ ބަޔާން އަށް ޖަރުމަނު ލީގާއި، ޖަރުމަނު ކަޕްގެ އިތުރުން ޗެމްޕިއަންސް ލީގު ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.

އުމުރުން 32 އަހަރުގެ ލެވެންޑޯސްކީ ވަނީ މިދިޔަ ސީޒަނުގައި ބަޔާން އަށް ކުޅެދިން 47 މެޗުގައި 55 ގޯލު ކާމިޔާބުކޮށް 10 އެސިސްޓު ހަދާފައެވެ.

އެންމެ މޮޅު ފިރިހެން ކުޅުންތެރިއާގެ މަގާމު ލެވެންޑޯސްކީ ގެންދިޔައިރު އެންމެ މޮޅު އަންހެން ކުޅުންތެރިއަކަށް ހޮވުނީ އިންގްލޭންޑްގެ މަޝްހޫރު ތަރި ލޫސީ ބްރޯންޒްއެވެ. އެންމެ މޮޅު ފިރިހެން ކޯޗުގެ މަގާމު ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ގެންދިޔައިރު އެންމެ މޮޅު އަންހެން ކޯޗުގެ މަގާމު ގެންދިޔައީ ނެދަލޭންޑްސްގެ ގައުމީ ޓީމުގެ ކޯޗު ސަރީނާ ވީގްމަންއެވެ.

މިއަހަރުގެ އެންމެ މޮޅު ފިރިހެން ގޯލްކީޕަރުގެ މަގާމު ގެންދިޔައީ ބަޔާންގެ ކީޕަރު މެނުއަލް ނޯޔާއެވެ.. އަދި އެންމެ މޮޅު އަންހެން ގޯލްކީޕަރުގެ މަގާމު ގެންދިޔައީ ލިޔޯން އަށް ކުޅެމުން އަންނަ ފްރާންސްގެ ކީޕަރު ސާރާ ބޫހަދީއެވެ.

އަހަރުގެ އެންމެ މޮޅު ގޯލަށް ދޭ ޕުސްކަސް އެވޯޑް މި ފަހަރު ހާސިލްކުރީ ޓޮޓެންހަމްގެ ސޮންއެވެ. މީގެއިތުރުން މި ރަސްމިއްޔާތުގައި ވަނީ މިއަހަރުގެ އެންމެ މޮޅު ފިރިހެން 11 ކުޅުންތެރިން ހިމެނޭ ޓީމުވެސް އިއުލާންކޮށްފައެވެ.

އެގޮތުން އެޓީމުގެ ކީޕަރަކީ އެލިސަންއެވެ. ޑިފެންޑަރުންނަކީ ސާޖިއޯ ރާމޯސް އާއި ވެންޑައިކް އާއި އާނޯލްޑްގެ އިތުރުން ޑޭވިސްއެވެ. މިޑްފީލްޑަރުންނަކީ ތިއާގޯ އާއި ޑި ބްރޭނާގެ އިތުރުން ކިމިޗްއެވެ. ފޯވާޑުންނަކީ ލެވެންޑޯސްކީ އާއި ރޮނާލްޑޯގެ އިތުރުން މެސީއެވެ.