Last Updated: June 17, 13:35
Tuesday, June 17, 2025
ޚަބަރު

އިންތިގާލީ އިންސާފުގެ ބިލަކީ ވެރީން ޖަލަށްލާން ހެދި ދަންތުރައެއް

އާދަމް ޝަރީފް އުމަރު-- ފޮޓޯ: މަޖިލިސް

އިންތިގާލީ އިންސާފުގެ ބިލަކީ ރާއްޖޭގައި ވެރިކަން ކުރާ ކޮންމެ މީހަކު ޖަލަށްލުމަށް ހެދި ދަންތުރައެއް ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އިންތިގާލީ އިންސާފުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ތަސްދީގު ކުރައްވާފައިވާއިރު، އާދަމް ޝަރީފް ވިދާޅުވީ މި ބިލަކީ ސަރުކާރު ހިންގާ ކޯލިޝަނުގެ ވެރިން އަދަގޮނޑި ޖަހައިގެން ގެންގުޅެން އުފެއްދި ދަންތުރައެއް ކަމަށެވެ. އަދި މިއީ ވެރިކަން ކުރާ ކޮންމެ މީހަކު ޖަލަށްލުމަށް ހެދި ދަންތުރައެއް ކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ.

"ތިޔަ ދަންތުރައިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ސަލާމަތަށް ނުވާނެ. ބަދަލު ހިފުމުގެ ސަގާފަތް ބަދަލުކުރަންޖެހޭ" އޭނާ ވިދާޅުވިއެވެ.

އިންތިޤާލީ އިންސާފުގެ ޤާނޫނަކީ، 1953 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި، ތަޙްޤީޤުކޮށް، ޙަޤީޤަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ފޯރުކޮށްދޭ ޙައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމުގެ ޤާނޫނެވެ.

މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި ޢަމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ޙައްޤެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންފައިވާނަމަ، އެ ޢަމަލުތަކަށް ޒިންމާވާ ފަރާތްތައް މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖަވާބުދާރީކުރުވައި، އެފަރާތްތަކުގެ ޢަމަލުތަކުގެ ސަބަބުން އަނިޔާ ލިބުނު ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ފޯރުކޮށްދޭ ޙައްލުތަކުގެ ޒަރީއާއިން އިންސާފު ހޯދައިދިނުމާއެކު، ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ނުވާނެކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް، ޤާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކުރުން ހިމެނެއެވެ.