އެމްޑީޕީގެ އެޖެންޑާ19 ގެ އިންސާފުގެ ވައުދުގައި ހިމެނޭ ގިނަ ގާނޫނުތައް ފާސްވެ ނިމިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ އިންތިގާލީ އިންސާފުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ތަސްދީގު ކުރެއްވުމާ ގުޅިގެންނެވެ.
އެގޮތުން ނަޝީދު ވިދާޅުވީ އެ ބިލު ތަސްދީގު ކުރެއްވުމާއެކު އެމްޑީޕީގެ އެޖެންޑާ19 ގެ އިންސާފުގެ ވައުދުގައި ހިމެނޭ ގިނަ ގާނޫނުތައް ފާސްވެ ނިމިފައިވާ ކަމަށެވެ. އެހެންކަމުން ރައީސް ސޯލިހާއި ބަންޑާރަ ނައިބުގެ އިތުރުން މަޖިލީހުގެ މެމްބަރުން އަދި މަޖިލީހުގެ މުވައްޒަފުންނަށް ނަޝީދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އެޖެންޑާ19 ގެ ދަށުން އެމްޑީޕީން ވީ ވައުދުގެ ތެރޭގައި ހިމެނޭ އިންސާފުގެ ކަންކަން ބެހިގެން ގޮސްފައިވަނީ މައިގަނޑު ހަތަރު ބަޔަކަށެވެ. އޭގެ ތެރެއިން އެއްބަޔަކީ އިންތިގާލީ އިންސާފު ހޯދައިދޭނެކަމަށް ވެފައިވާ ވައުދެވެ.
އެގޮތުން ރައީސް އިއްޔެ ތަސްދީގު ކުރެއްވި އިންތިޤާލީ އިންސާފުގެ ޤާނޫނަކީ، 1953 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި، ތަޙްޤީޤުކޮށް، ޙަޤީޤަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ފޯރުކޮށްދޭ ޙައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމުގެ ޤާނޫނެވެ.
މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި ޢަމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ޙައްޤެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންފައިވާނަމަ، އެ ޢަމަލުތަކަށް ޒިންމާވާ ފަރާތްތައް މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖަވާބުދާރީކުރުވައި، އެފަރާތްތަކުގެ ޢަމަލުތަކުގެ ސަބަބުން އަނިޔާ ލިބުނު ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ފޯރުކޮށްދޭ ޙައްލުތަކުގެ ޒަރީއާއިން އިންސާފު ހޯދައިދިނުމާއެކު، ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ނުވާނެކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް، ޤާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކުރުން ހިމެނެއެވެ.