Last Updated: February 24, 22:10
Wednesday, February 24, 2021
ޚަބަރު

ޔާމީން ޖަލަށްލީ ދުވަހު ރޮވުނު: ނަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލީ ދުވަހު ރޮވުނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ ޔާމީން ޖަލުގައި އިންނަވަން ޖެހުމަކީ އެއީ އެމަނިކުފާނު އުފާފާޅު ކުރަމުން، ހަވާ އަރުވަމުން، ދުވާ ކަމެއް ނޫން ކަމަށެވެ.

"ތި ބޭފުޅުންނަށް ފަހަރުގައި ފާހަގަކުރެވިފައި އޮވެދާނެ އަޅުގަނޑު ޖަލަށްލާފައި ހަވާ އެރުވުމާއި، ލަނގިރި ޖެހުމާއި، ލަވަ ކިޔުމާއި، މާ ބެހުމާއި، މި ހުރިހާ ކަމެއް. އެހެން ނަމަވެސް އަޅުގަނޑު ރައީސް ޔާމީން ޖަލަށްލީ ދުވަހު ވީ ދެރަ، އަޅުގަނޑަށް ރޮވުނު. އަޅުގަނޑު އެދޭ ގޮތެއް ނޫން އެއިކީ" ނަޝީދު ވިދާޅުވިއެވެ.

އަދި ޔާމީން ހައްޔަރުކޮށް ޖަލަށްލީ ޔާމީންގެ ދައުރުގައި އެމަނިކުފާނު ހައްޔަރުކުރުމުން ކަމަށް ބައެއް ނޫސްތަކުގައި ލިޔެފައިވާތީ އެކަމާ ދެރަވާ ކަމަށާއި ޔާމީން ހައްޔަރުކޮށް ޖަލަށްލާފައިވަނީ އެމަނިކުފާނާއި ކުޑަކޮށް ވެސް ގުޅުމެއް އޮވެގެން ނޫން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އެގޮތުން ވެރީން ހައްޔަރުކުރުމުގެ ސަގާފަތް ދޫކޮށްލުމުގެ ފުރުސަތު ޔާމީނަށް ފުރުސަތު ލިބުނު ކަމަށާއި، ޔާމީން އެކަން އެގޮތަށް ކުރެއްވިނަމަ މިއަދު ހަގީގަތް ވަރަށް ތަފާތުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ދެން މި ވެރިކަމަށް ފަހު ދެން ވެސް އުފެދޭނީ އެމްޑީޕީގެ ވެރިކަމެއް ކަމަށާއި އެ ވެރިކަމުގައި ވެސް ކަންކަން ކުރާނީ ރަނގަޅަށް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި މަނީ ލޯންޑަރިންގެ ދައުވާގެ ކުށް ސާބިތުވެ ޔާމީން ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދި ޔާމީންގެ މައްޗަށް ދައުލަތުން މިހާރު ވަނީ އިތުރު އާ ދެ ދައުވާއެއް އުފުލާފައެވެ.

އެގޮތުން ޔާމީންގެ މައްޗަށް ދައުލަތުން އެންމެފަހުން އުފުލީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ.