Last Updated: June 17, 13:35
Tuesday, June 17, 2025
ޚަބަރު

އިންތިހާބުން ބަލިވަންދެން މުއިއްޒު ބަންދުނުކޮށް ބަހައްޓަން އެދިއްޖެ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުން ބަލިވަންދެން ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ބަންދުނުކޮށް ބަހައްޓަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން މުއިއްޒު ވާދަކުރެއްވުމަށް ނިންމަވާފައިވަނީ މާލޭ ސިޓީގެ މޭޔަރުގެ މަގާމަށެވެ. މުއިއްޒުގެ މައްޗަށް މިދިޔަ ޖޫން މަހުގެ ތެރޭގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ދޮގު ބަޔާން ދިނުމުގެ ދައުވާ އުފުލާފައެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ އިދިކޮޅު ފަރާތްތައް ބަންދުކޮށްފައި އިންތިހާބު ބޭއްވުމަކީ ގޯސް ކަމެއް ކަމަށާއި އެއީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ކުރާ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އަދި މިވަގުތު ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވިއިރު ނަޝީދު ވަނީ މުއިއްޒުގެ މައްޗަށް ދައުވާއެއް އުފުލާފައިވީ ނަމަވެސް އިންތިހާބުން ބަލިވަންދެން ބަހައްޓާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.

"އަޅުގަނޑު ހަމަ ވަރަށް ބޭނުން ހަޔެއްކަ ވޯޓު ދީ މާލެއިން ބަލިކޮށްލަން." ނަޝީދު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި ވިޔަސް އިންތިހާބު ނިމެންދެން ނުވަތަ މުއިއްޒު ބަލިވަންދެން ބަންދުނުކޮށް ބަހައްޓާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރައްވާ ކަމަށް ނަޝީދު ތަކުރާރުކޮށް ވިދާޅުވިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އެ ދައުވާ މުއިއްޒުގެ މައްޗަށް އުފުލާފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން އޭޖީ ނަމަކަށް ކިޔާ ކުންފުންޏަކުން (ނޫމަޑި) އިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެ ދޮގު ބަޔާން ދޮގު ބަޔާނެއް ދެއްވާފައިވާތީ ކަމަށެވެ.

އެގޮތުން ހައުސިންގ ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ވަނަ އަހަރު ވެފައިވާ ފޭސް 1 ގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް 2 ގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ބުނެ، އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައިނުވާކަމަށް ބުނެ، މުއިއްޒު ދޮގު ބަޔާނެއް ދެއްވާފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.