Last Updated: April 20, 14:10
Saturday, April 20, 2024
ޚަބަރު

ކޯޓުތަކުން މިހާރު ހުކުމެއް ނުވިއްކޭނެ: ނަޝީދު

ކޯޓުތަކުން މިހާރު ހުކުމް ނުވިއްކޭނެ ކަމަށާއި ހުކުމެއް ވިއްކައިފިނަމަ އެކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ އެޖެންޑާާ19 ގައިވާ އިންސާފުގެ ވައުދު ފުއްދުމުގެ ގޮތުން ގިނަ ކަންކަން ކުރެވިފައިވާ ކަމަށާއި އެގޮތުން ސުޕްރީމް ކޯޓް އެއްކޮށް ބަދަލުކޮށް، އެ ކޯޓަކީ ދެފުށް ފެންނަ ގޮތަށް ޝަރީއަތް ހިންގާ ތަނަކަށް ހެދިފައިވާ ކަމަށެވެ.

އަދި ފަނޑިޔާރުންގެ ޝަކުވާ ފަސޭހައިން ބަލައިގަނެ، އެ ޝަކުވާތައް ބަލަމުން އަންނަ ކަމަށާއި ޝަރުއީ ނިޒާމަކީ ދިވެހި ރައްޔިތުން އިތުބާރު ކުރާ ނިޒާމަކަށް ހެދުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"ހުކުމެއް ނުވިއްކޭނެ މިހާރު. ނުވިއްކޭނެ ހުކުމެއް. ވިއްކައިފިއްޔާ އަޅުގަނޑަށް އިނގޭނެ. ވިއްކައިފިއްޔާ އަޅުގަނޑުމެން އެންމެނަށް ވެސް އިނގޭނެ. ބަލާނަން، ހޯދާނަން، ފިޔަވަޅު އަޅާނަން. ޖުޑީޝަލް ސާވިސް ކޮމިޝަނުން ވެސް ރައްޔިތުންގެ މަޖިލީހުން ވެސް" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ އަކީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކާއި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ އަލުން އަނބުރާ ދައުލަތުގެ ހަޒާނާ އަށް ވެއްދުމުގެ މަަސައްކަތް އެންމެ ބޭނުންވާ ބާރުމިނުގައި ކުރެވިފައި ނުވާކަމުގެ ޝަކުވާ ކަމަށެވެ.

ނަމަވެސް މިއަދު ލިބޭ އުފަލަކީ އަދި ހިތްހަމަޖެހުމަކީ ފުލުހުންގެ ބިލު ފާސްވެފައިވުން ކަމަށް ނަޝީދު ވިދާޅުވިއެވެ. އެގޮތުން އެ ބިލުން މި ތަހުގީގުތައް އޭގެ ފުރިހަމަ ގޮތުގައި ހިންގާ އެ ތަހުގީގުތަކުން ރައްޔިތުން އެދޭ ކަންކަމުގެ ފުރުސަތު ހޯދައިދިނުމަށް ޖާގަ ލިބޭނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.