އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް ކޮވިޑް-19 ގެ ވެކްސިން މިއަދު ޖަހައިފިއެވެ.
އެމެރިކާގެ ނައިބު ރައީސް ކޮވިޑާއި ދެކޮޅަށް އުފެއްދި ފައިޒާ ވެކްސިން ޖަހާފައިވަނީ ޓީވީން ލައިވްކޮށް ދުރަށް ދެއްކި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ. މިއީ ވެކްސިންގެ ސަބަބުން ނުރައްކަލެއް ނެތްކަން ހާމަކުރުމުގެ ގޮތުން ކުރެއްވި ކަމެކެވެ.
ޕެންސް ވެގެން ގޮސްފައިވަނީ މި ވެކްސިން މިހާތަނަށް ޖެހި އެމެރިކާގެ އެންމެ އިސް ފަރާތަށެވެ. އަދި މިއަދުގެ ވަގުތެއްގައި ޕެންސްގެ އަނބިކަނބަލުން ކަރެން ޕެންސް ވެސް މި ވެކްސިން ޖެހުމަށް ވަނީ ނިންމަވާފައެވެ.
ފައިޒާ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އެމެރިކާގައި ދީފައިވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.
މި ވެކްސިން އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޖަހާނެ ދުވަހެއް އަދި ހާމަކޮށްފައި ނުވާއިރު، އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންފައިވާ ޖޯ ބައިޑެން އަންނަ ހަފްތާގައި ވެކްސިން ޖެހުމަށް ވަނީ ނިންމަވާފައެވެ.
އެންމެފަހުގެ ކްލިނިކަލް ޓްރަޔަލްތައް ދައްކާ ގޮތުން ފައިޒާގެ ވެކްސިނަކީ ކޮވިޑުން 95 އިންސައްތަ ރައްކާތެރިކަން ލިބޭ ވެކްސިނެކެވެ.
އެމެރިކާ އިން މިހާތަނަށް 17.3 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާއިރު، މި ބަލީގައި އެގައުމުން ވަނީ ތިން ލައްކަ އަށް ވުރެ ގިނަ މީހުން މަރުވެފައެވެ.