Last Updated: April 20, 06:38
Saturday, April 20, 2024
ޚަބަރު

އަމާޒަކީ ކައުންސިލް އިންތިހާބު 50 ޕަސެންޓް މަތިން ކާމިޔާބުކުރުން: ނަޝީދު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި 50 ޕަސެންޓް ވޯޓު ހޯދުމަކީ އެމްޑީޕީގެ އަމާޒެއް ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު އެމްޑީޕީގެ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބު ބޮޑު އަޣުލަބިއްޔަތަކުން އެމްޑީޕީ ކާމިޔާބު ކުރާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށާއި އެގޮތުން ރައްޔިތުންގެ މަޖިލީހުގައި ހޯދި ކާމިޔާބީ އަށް ވުރެ ކައުންސިލް އިންތިހާބުގައި ހޯދާނެ ކާމިޔާބީ ބޮޑުވާނެ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަޅުގަނޑުމެންނަށް ލިބުނީ 48 ޕަސެންޓް، ޕޮޕިއުލާ ވޯޓުން. މިފަހަރުގެ އަމާޒަކީ 50 ގެ ލައިން ކްރޮސް ކުރުން" ނަޝީދު ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބު ބޭއްވުން ވީހާވެސް އަވަސްކުރަންޖެހޭ ކަމަށާއި އެގޮތުން މާޗު މަހުގެ ކުރީކޮޅު އިންތިހާބު ބޭއްވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީ އަކީ ވާދަކޮށްލާނެ އިންތިހާބެއް ނުލިބިފައި ތިބޭ ޕާޓީއެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގައި މިދިޔަ މަހުގެ ފަހުކޮޅު ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވަނީ އަންނަ ޖެނުއަރީ 5 ގެ ކުރިން ލޯކަލް ކައުންސިލްތަކުގެ އިންތިޙާބުގެ ކަންކަން ކުރިއަށް ގެންދަން އެޗްޕީއޭ އިން ހުއްދަ ނުދީފިނަމަ އިންތިހާބު ނުބޭއްވޭނެ ކަމަށް ވިދާޅުވެފައެވެ. އިންތިހާބު ބޭއްވުމަށް އިލެކްޝަންސް އިން މަސައްކަތް ކުރަނީ އަންނަ މާޗު މަހުގެ ހަވަނަ ދުވަހުއެވެ.

އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނެތް ކަމަށް އިއުލާން ނުކުރި ނަމަވެސް އެންމެ ލަސްވެގެން މި މަހުގެ 15 ގައި އިންތިހާބުގެ ކަންކަން ކުރިއަށް ގެންދެވިދާނެ ކަމަށް އެޗްޕީއޭ އިން އިއުލާންކުރަންޖެހޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"އޭރުން ހަޔެއްގައި އަޅުގަނޑުމެންނަށް އިންތިހާބު ބޭއްވޭނީ" ޝަރީފް ވިދާޅުވިއެވެ.

ޑިސެމްބަރު 15 ގައި އެޗްޕީއޭ އިން އިންތިހާބުގެ ކަންކަން ކުރިއަށް ގެންދެވިދާނެ ކަމަށް އިއުލާންކުރުން މުހިއްމީ ވޯޓާސް ލިސްޓް އާންމު ކުރުމާއި، ކެމްޕެއިން ކުރުމަށް ކެންޑިޑޭޓުންނަށް ވަކި މުއްދަތެއް ދޭން ގާނޫނުގައި ބަޔާންކޮށްފައިވުމާއި އަދި އެ ނޫންވެސް ޑެޑްލައިންތަކަށް މަސައްކަތް ކުރަންޖެހޭތީ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.