Last Updated: April 19, 16:50
Friday, April 19, 2024
ޚަބަރު

ރައީސް ޔާމީން ޖަލަށް ލުމުން ނަޝީދަށް ރޮވުނީ ވީ އުފަލުން: ރެޑްވޭވް ސަލީމް

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން ޖަލަށް ލުމުން ރައީސް ނަޝީދަށް ރޮވުނީ އުފަލުން ކަމަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ސަލީމް މިފަދައިން ވިދާޅުވީ އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ޖަލަށްލީ ދުވަހު ރޮވުނު ކަމަށް ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ނަޝީދު އިއްޔެ ވިދާޅުވީ ޔާމީން ޖަލުގައި އިންނަވަން ޖެހުމަކީ އެއީ އެމަނިކުފާނު އުފާފާޅު ކުރަމުން، ހަވާ އަރުވަމުން، ދުވާ ކަމެއް ނޫން ކަމަށެވެ.

"ތި ބޭފުޅުންނަށް ފަހަރުގައި ފާހަގަކުރެވިފައި އޮވެދާނެ އަޅުގަނޑު ޖަލަށްލާފައި ހަވާ އެރުވުމާއި، ލަނގިރި ޖެހުމާއި، ލަވަ ކިޔުމާއި، މާ ބެހުމާއި، މި ހުރިހާ ކަމެއް. އެހެން ނަމަވެސް އަޅުގަނޑު ރައީސް ޔާމީން ޖަލަށްލީ ދުވަހު ވީ ދެރަ، އަޅުގަނޑަށް ރޮވުނު. އަޅުގަނޑު އެދޭ ގޮތެއް ނޫން އެއިކީ" ނަޝީދު ވިދާޅުވިއެވެ.

އަދި ޔާމީން ހައްޔަރުކޮށް ޖަލަށްލީ ޔާމީންގެ ދައުރުގައި އެމަނިކުފާނު ހައްޔަރުކުރުމުން ކަމަށް ބައެއް ނޫސްތަކުގައި ލިޔެފައިވާތީ އެކަމާ ދެރަވާ ކަމަށާއި ޔާމީން ހައްޔަރުކޮށް ޖަލަށްލާފައިވަނީ އެމަނިކުފާނާއި ކުޑަކޮށް ވެސް ގުޅުމެއް އޮވެގެން ނޫން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވައި ސަލީމް ވިދާޅުވީ ޔާމީން ޖަލަށްލީ ދުވަހު ނަޝީދަށް ކީރިތި ކުރެއްވުނީ ވީ އުފަލެއްގެ ބޮޑުކަމުން ކަމަށެވެ. އަދި ބާރަކީ ދާދި އަވަހަށް ނެތި ހިނގައިދާނެ ކަމެއް ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.