Last Updated: June 30, 20:43
Monday, June 30, 2025
ކުޅިވަރު

ލިވަޕޫލް އިން ޕެލެސް ކޮޅަށް ހަތް ގޯލު ޖަހައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ލިވަޕޫލް އިން ކްރިސްޓަލް ޕެލެސްގެ މައްޗަށް 7-0 އިން ކުރި ހޯދައިފިއެވެ.

މި މޮޅާއެކު ލިވަޕޫލް މިހާރު ލީގުގެ އެއްވަނައިގައި އޮތީ 31 ޕޮއިންޓާ އެކުއެވެ. ޕެލެސް އޮތީ 18 ޕޮއިންޓާ އެކު ލީގުގެ 12 ވަނައިގައެވެ.

ޕެލެސްގެ ދަނޑުގައި ކުޅުނު މި މެޗުގެ ތިންވަަނަ މިނެޓްގައި މިނަމީނޯ ވަނީ ލިވަޕޫލަށް ލީޑު ނަގާދީފައެވެ. މެޗުގެ 35 ވަނަ މިނެޓްގައި ސަޑިއޯ މާނޭ ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިންއިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން ރޮބާޓޯ ފަމީނޯ ވަނީ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށް ލީޑު ފުޅާކޮށްދީފައެވެ.

ތިން ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ލިވަޕޫލުން ނިންމާލިއިރު މެޗުގެ 52 ވަނަ މިނެޓްގައި ޖޯޑަން ހެންޑަސަން ވަނީ ލިވަޕޫލްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އެޓީމުގެ ފަސްވަނަ ގޯލު މެޗުގެ 68 ވަނަ މިނެޓްގައި ފަމީނޯ ކާމިޔާބުކޮށްދިންއިރު ލިވަޕޫލްގެ ހަވަނަ ގޯލާއި ހަތްވަނަ ގޯލު ކާމިޔާބުކޮށްދިނީ މި މެޗުގެ ދެވަނަ ހާފްގައި ކުޅެން އެރި މުހައްމަދު ސަލާހެވެ.

މިއީ ރަށުން ބޭރުގައި ކުޅެ ލިވަޕޫލް އިން ހަތް ގޯލުގެ ތަފާތަކުން މެޗަކުން މޮޅުވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އަދި މިއީ 1989 ވަނަ އަހަރަށްފަހު ލީގުގައި ލިވަޕޫލުން އިން ހަތް ގޯލުން މޮޅުވި ފުރަތަމަ މެޗުވެސް މެއެވެ.

ލީގުގައި ލިވަޕޫލް ދެން ބައްދަލުކުރާނީ ވެސްޓްބްރޮމްއާ އެވެ.