Last Updated: April 26, 18:07
Friday, April 26, 2024
ރިޕޯޓް

ފްލައިން ސްކޫލު: ދިވެހި ސަރުކާރަށް ވުރެ "ބާރުގަދަ"!

އައްޑޫ ސިޓީ ގަމުގައި ހިންގަމުން އަންނަ ފްލައިން ސްކޫލްގެ މައްސަލަތައް ބޮޑުވެ، އެކަން މީޑިއާގެ ސަމާލުކަމަށް އައިސްފައިވާތާ މިހާރު މިވަނީ ތިން މަހެއްހާ ދުވަސް ވެގެން ގޮސްފައެވެ. ދަރިވަރުންގެ ކަންބޮޑުވުންތައް ނޭނގޭ ސަރުކާރުގެ އިދާރާއެއް، ދިވެހި ރައްޔިތެއް މިއަދު ނެތެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނަމަވެސް މިވީ ތިން މަސް ދުވަހުގެ ތެރޭގައި ބަޔާނެއް ނެރެލުން ނޫން ކަމެއް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ކުރެވުނު ކަމަކަށް ނުވިއެވެ. މިއަދު ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިން ވެސް ކުރާ ސުވާލެއް އެބައޮތެވެ. އެއީ ސަރުކާރަށް "ބާރުގަދަ" ފްލައިން ސްކޫލަށް ފިޔަވަޅެއް އަޅަން ނުކުރިގެން އުޅޭ ސަބަބާއި ގުޅޭ ސުވާލެވެ.

ފްލައިން ސްކޫލަށް ބަދަލު ދޭން ޖެހިދާނެތީ ސަރުކާރުން ފަސްޖެހެނީ؟

މައުލޫމާތު ލިބިފައިވާ ގޮތުން ފްލައިން ސްކޫލާއި އެކު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާނެއެވެ. އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިވެލޮޕްމެންޓް ޕްރޮޖެކްޓު އަންނަ އަހަރު ފެށުމަށް ތައްޔާރުވަމުންދާއިރު ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ފްލައިން ސްކޫލެއް ގަމުގައި ހުރުމަކީ އެ ޕްރޮޖެކްޓަށް ހުރަސް އެޅިގެންދާނެ ކަމެކެވެ.

އާންމު އުސޫލުން ބަލާއިރު ދެ ފަރާތުގެ މެދުގައި ހަދާ ކޮންޓްރެކްޓެއް، އިސްވެ އުވާލާ ފަރާތުން އަނެއް ފަރާތަށް ބަދަލުގެ ގޮތުގައި ފައިސާތަކެއް ދޭންޖެހޭނެއެވެ. ސްކޫލްގައި އެތައް މައްސަލަތަކެއް ހުރިއިރު، އަދި ކޮންމެ ދުވަހަކު ވެސް އެ މައްސަލަތައް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކި ގޮތްގޮތުން ގެންނަމުންދާއިރު ސްކޫލަށް ފިޔަވަޅެއް އަޅަން ނުކުރިގެން އުޅެނީ ބަދަލު ގޮތުގައި ބޮޑު އެއްޗެއް ދޭން ޖެހިދާނެތީތޯ ސުވާލު އުފެދެއެވެ. މި ސަރުކާރަކީ ބަދަލުގެ ގޮތުގައި މިހާރުވެސް އެތައް ބަޔަކަށް މިލިއަނުން ފައިސާ ދީފައިވާ ސަރުކާރެކެވެ. ސުވާލަކީ މިއީ ގިނަ އަދަދަކަށް ފައިސާ ބަދަލުގެ ގޮތުގައި ދީފައި ނަމަވެސް ކުރަން ޖެހޭ ކަމެއް ކަމަށް ސަރުކާރަށް ނުވިސްނެނީތޯއެވެ؟ ނުވަތަ ދަރިވަރުން ގަނަތަޅުވަން ސްކޫލަށް އިތުރު ހަ މަސް ދުވަސް ދީގެން ތިބޭނީތޯއެވެ؟

ކޮވިޑް-19 ގެ މި ހާލަތުގައި ވެސް ސިޔާސީ މަގާމުތައް މަދެއް ނުވެއެވެ. އަދި އާ މަގާމުތަކަށް މީހުން އައްޔަން ކުރުން ވެސް މަދެއް ނުވެއެވެ. އެ ސިޔާސީ މަގާމުތައް މަދުކޮށްފައި ނަމަވެސް ސްކޫލްގައި ކިޔަވަމުންދާ 200 ދަރިވަރުންގެ ހައްގުތައް ހިމާޔަތްކުރަން ސްކޫލާއެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލައި، ދަރިވަރުންނަށް އެހެން ހައްލެއް ހޯދައިދިނުމަކީ ގެއްލިގެންދާނެ ކަމެއް ނޫނެވެ.

މިއީ ފްލައިން ސްކޫލް ބޭރުކުރަން އެންމެ ރަނގަޅު ވަގުތު!

ފްލައިން ސްކޫލާއެކު ހަދާފައިވާ ކޮންޓްރެކްޓް މިވަގުތު އުވާލައިފިނަމަ އެތަނުގައި ކިޔަވަމުންދާ ދަރިވަރުންގެ ހައްގުތައް ވެސް ގެއްލޭނެކަން ގަބޫލުކުރަމެވެ. އެހެން ނަމަވެސް މިވަގުތު ފްލައިން ސްކޫލާއެކު ހަދާފައިވާ ކޮންޓްރެކްޓް ބާތިލުކޮށް އެހެން ހައްލަކަށް ސަރުކާރުގެ ވިސްނުން ގެންގުޅުން މިއީ އެންމެ މުނާސަބު ވަގުތު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މިވަގުތު ވެސް ފްލައިން ސްކޫލުގައި ހަތަރު، ފަސް ވަރަކަށް އަހަރު ވެފައިވާ ދަރިވަރުން އެބަ ތިއްބެވެ. އެ ދަރިވަރުންނަށް އަވަސް މުސްތަގުބަލެއްގައި ކޯސް ނިންމިދާނެ ކަމުގެ އަލިމަގެއް ވެސް ފެންނާކަށް ނެތެވެ. ސްކޫލުގެ އިސްވެރިން ދަރިވަރުންނާއި ކޮށްފައި ހުރި މުއާމަލާތްތަކަށް ބަލާއިރު ދަރިވަރުންނަށް ހެޔޮ އެދިގެން ނިންމައިދިނުމުގެ ހެޔޮ ނިޔަތެއް ހުރި ކަަމަކަށް ނުފެނެއެވެ.

ފްލައިން ސްކޫލަށް ކަންކަން ހައްލުކުރަން ކިތަންމެ ބަޔާނަކުން ވެސް އެންގިދާނެއެވެ. ވަގުތު ވެސް ދެވިދާނެއެވެ. ނަމަވެސް މިހާރު އައްޑޫ ގަމުގައި ފްލައިން ސްކޫލު ހިންގަމުންދާ ފަރާތްތަކަކީ ގޮތް ދޫނުކުރުމުގެ ލާމަސީލު މިސާލެކެވެ. މިކަން މީގެ އެއް މަސް ދުވަސް ކުރިން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނަށް ސްކޫލުން އަމަލުކުރި ގޮތަށް ބަލާލުމުން ވެސް ހާމަވާނެއެވެ. ކަންކަން ހައްލުކުރަން ވަގުތާއި ފުރުސަތު ދޭން ވާނީ އަންގާ އެންގުންތަކަށް އިޖާބަ ދޭ ބަޔަކަށެވެ. ގަދަ ދެއްކުމާއި ގާނޫނަށް ވުރެ މަތީގައި ތިބެވޭނެ ކަމަށް ހީކުރާ ބަޔަކާއި މުއާމަލާތް ކުރުމަކީ ވެސް ވަގުތު ބޭކާރު ކުރުމެވެ.

ބަޔާން ނެރެނީ ދަރިވަރުން ހަމަޔަކަށް އަޅުވަން، ނަތީޖާއެއް ނުފެނޭ!

ފްލައިން ސްކޫލްގެ މައްސަލަތައް ފެންމަތިވި ހިސާބުން މިހާތަނަށް ދެ ބަޔާނެއް ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ނެރެފައިވެއެވެ. ބަޔާނުގެ ޒަރިއްޔާއިން ނޫނަސް ދަރިވަރުންނާއި ބައްދަލުކޮށްފައި ވެސް މިކަމާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މަޝްވަރާކޮށްފައިވެއެވެ. މިފަދަ ކޮންމެ ބަޔާނަކާއެކު ސޯޝަލް މީޑިއާގައި އަޑުއުފުލާ ދަރިވަރުންގެ އަޑުތައް ވެެސް މަޑުވެއެވެ. ސުވާލަކީ ބަޔާން ނެރެނީ މިފަދަ މަގުސަދެއް ހާސިލުކުރަން ބާވައެވެ. ނުވަތަ ފްލައިން ސްކޫލުގެ "ހަޑި ފޮރުވަން" އެމީހުންނަށް ވަގުތު ދެނީބާވައެވެ.

މިފަދަ ކޮންމެ ބަޔާނަކާއެކު މިހާތަނަށް ފެނިފައިވަނީ ފްލައިން ސްކޫލުން ކަންކަން ހައްލުކުރުމުގެ ބަދަލުގައި އެމީހުންގެ ގޮތުގައި ހިފަހައްޓަމުންދާ މަންޒަރެވެ. ދަރިވަރުން ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ރަނގަޅު ހައްލަކަށް އެދިއެދި ތިބޭތޯ ލައްކަ ދުވަސްތަކެއް ވެއްޖެއެވެ. މިދިޔަ ބުރާސްފަތި ދުވަހު އެ މިނިސްޓްރީން ނެރުނު ބަޔާނާއެކު ވެސް ދަރިވަރުންނަށް ލިބުނު އުއްމީދެއް ނެތެވެ. ހަމަ އަނެއްކާވެސް ނާއުއްމީދެއްގައި ތިބެ ކަންކަން ހައްލުވޭތޯ ބަލަން ދެ އަތްއުރާލައިގެން ތިބެން ދަރިވަރުންނަށް މިވަނީ މަޖުބޫރުވެފައެވެ. ދަރިވަރުންނާއި ބެލެނިވެރިން ވެސް މިހާރު ބަޔާނެއް ބޭނުމެއް ނުވެއެވެ. ބޭނުންވަނީ އަމަލީ ގޮތުން ނަތީޖާތަކެވެ. މިގޮތުގައި ދަރިވަރުން އަދި ކިތައް ދުވަހު ތިބެންޖެހޭނެތޯއެވެ؟ އަމިއްލަ ގައުމުގައި ބޭރު ބައެއްގެ އަޅުވެތި ކަމުގައި އުޅެން ޖެހިފައިވާ ކަމުގެ އިހުސާސް އެހެން ބަޔަކަށް ކުރެވޭނީ އެ ހާލުގައި އެބަޔަކު ވެސް ޖެހުމުންނެވެ.

ފްލައިން ސްކޫލަށް ފިޔަވަޅު ނޭޅެނީ ސަރުކާރުގައި ތިބި ބައެއްގެ ނުފޫޒުން؟

ފްލައިން ސްކޫލްގައި މައްސަލަތައް އުޅެނީ މިއަދަކު ނޫނީ އިއްޔެއަކު ނޫނެވެ. މިއީ ގިނަ އަހަރުތަކެއް ވަންދެން ހުރި މައްސަލަތަކެކެވެ. ދަރިވަރުން މި ވާހަކަތައް ދައްކަން ފެށީ އިތުރު ގޮތެއް ނެތި މާޔޫސްވުމުންނެވެ. މި ތަނުގައި ހުރި މައްސަލަތައް އާންމުންނާއި ހަމައަށް ދަރިވަރުން ތިލަނުކުރި ނަމަވެސް ސިވިލް އޭވިއޭޝަނާއި ޓްރާންސްޕޯޓް މިނިސްޓްރީގައި އޭރަކު ތިބޭ އިސްވެރިންގެ ސަމާލުކަމަށް ދިޔައީ ގެންނަމުންނެވެ. މި ސަރުކާރަށް މިވީ ދެ އަހަރުގެ ތެރޭގައި ވެސް މިކަން މިގޮތަށް ކޮށްފައިވެއެވެ.

އެގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވެސް ދަރިވަރުންގެ ފަރާތުން ސިވިލް އޭވިއޭޝަނަށް މި މައްސަލަތައް ހުށަހެޅިއެވެ. ނަމަވެސް އެކަމާ ގުޅިގެން އެ އޮތޯރިޓީން ކުރި އޮޑިޓްތަކާއި ތަހުގީގުތަކުގެ މައުލޫމާތު ދަރިވަރުންނާއި ހަމައަށް ޓްރާންސްޕޯޓް މިނިސްޓްރީން ތިލަކޮށްލެވުނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ދިގު މުއްދަތެއް ވަންދެން ސިވިލް އޭވިއޭޝަނުގައި ހިދުމަތް ކުރަމުން އައި ފަރާތްތަކެއް ވެސް އެބަ ތިއްބެވެ. އެ ފަރާތްތަކަށް މި ކަންކަން ނޭނގި ހުރެދާނެ ކަމަކަށް ނުބެލެވެއެވެ. ސުވާލަކީ އެ ކަންކަމަށް އެ ފަރާތްތަކުން ކުރީ ކޮން ކަމެއްތޯއެވެ؟ ދަރިވަރުންގެ އެތައް ހައްގެއް ގެއްލިގެންދާއިރު އެ ފަރާތްތައް މަގާމުގައި ތިބެން ހަމަ ކުފޫ ހަމަވޭތޯއެވެ؟

ފްލައިން ސްކޫލަށް ފިޔަވަޅު ނޭޅިގެން އުޅުމުގައި ގިނަ ބަޔަކު ތުހުމަތުކުރާ އެއް ކަމެއް އެބައޮތެވެ. އެއީ ސިޔާސީ ނުފޫޒުގަދަ ބަޔަކާއި ސްކޫލްގެ އިސް ފަރާތްތަކާއި އޮންނަ ގާތް ގުޅުމުގެ ތުހުމަތެވެ. މިކަމަށް ބާރު ލިބޭ އެއް ކަމަކީ އަހަރުތަކެއް ވީއިރު ވެސް ކަންކަން އިސްލާހު ނުވުމުން ވެސް ސްކޫލާއި މެދު ފިޔަވަޅެއް އެޅިފައި ނުވުމެވެ. އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވެސް ދާދިފަހުން ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގައި ސްކޫލަށް ވާގިވެރިވާ ބަޔަކު ތިބި ކަމަށް ތުހުމަތުކޮށް އެ ބަޔަކަށް ފިޔަވަޅު އަޅަން ވެސް ގޮވާލާފައެވެ. ޔަގީނުން ވެސް ދިވެހި ފަސްގަނޑުގައި އެހާ ބާރުގަދަ ވެގެން އުޅެވޭނީ ދިވެހިންގެ ބައެއްގެ މަދަދާއި އެހީވެސް ލިބިގެންނެވެ.

އިންސާފު ނުލިބޭ ކޮންމެ ދުވަހަކީ ދަރިވަރުންނަށް ވެވޭ އިހުމާލެއް!

ފްލައިން ސްކޫލްގެ މައްސަލައިގައި މިހާތަނަށް ސަރުކާރުގެ އިދާރާތަކަށް ކުރެވުނު ކަމެއްގެ ގޮތުގައި ފެންނަން އޮތީ ބަޔާން ނެރެ ކަންކަން އިސްލާހުކުރަން ފްލައިން ސްކޫލަށް ފުރުސަތު ދިނުމެވެ. ނަމަވެސް ބަޔާނެއް ނެރެލައިގެން ފުއްދާލެވޭ ވަރަށް ވުރެ ކަންކަން މިވަނީ ގޯހުން ގޯހަށް ގޮސްފައެވެ. ކަންކަން މިހާ ހިސާބަށް އައިސްފައިމިވަނީ އަހަރުތަކެއް ވަންދެން އިދާރާތަކުން އަޅާނުލައި އިހުމާލުވުމުގެ ސަބަބުންނެވެ. މިއަދު އެންމެ ރަނގަޅު ގޮތަކީ އިހުމާލުވި ކަމަށް ގަބޫލުކޮށް ކުރިއަށް އޮތް ތަން ރަނގަޅު ކުރުމުގެ ގޮތުން އަވަސް ހައްލެއް ގެނައުމަކީ އިދާރާތަކުގެ ކޮނޑުގައި އެޅިފައިފައިވާ ޒިންމާއެއް ކަމަށް ގަބޫލުކުރުމެވެ.

ގެއްލިގެންދާ ކޮންމެ ދުވަހަކީ އަދި އިންސާފު ނުލިބޭ ކޮންމެ ދުވަހަކީ ވެސް ދަރިވަރުންނަށް ވެވޭ އަނިޔާއެކެވެ. ފްލައިން ސްކޫލްގައި ހުރި މައްސަލަތައް އިންތިހާ އަށް ބޮޑެވެ. ގްރައުންޑް ވެފައި ތިބި ފްލައިޓްތައް އޮޕަރޭޝަނަށް ނިކުތް ނަމަވެސް އެތަނުގައި ދަރިވަރުންނަށް ކިޔެވޭނެ މާހައުލެއް ނެތެވެ. ދަރިވަރުންނާއި މެދު އަޅާފައިވާ ފިޔަވަޅުތަކުން ވެސް އެކަން ހާމަވެއެވެ. މިފަދަ ކަންކަމަށް ބޭނުންވަނީ ހައްލެކެވެ. ބަޔާނެއް ނޫނެވެ.