Last Updated: April 26, 23:59
Friday, April 26, 2024
ރިޕޯޓް

މިއީ އައްޑޫ ރައްޔިތުން ފުންކޮށް ވިސްނަންވީ ވަގުތު، ވައުދު ނުފުއްދޭ!

ރާއްޖޭގެ އެންމެ ދެކުނުގައި އެންމެ އެކަހެރިކޮށް އޮންނަނީ އައްޑުއަތޮޅެވެ. އެންމެ އެވޭލާ ޒަމާނުން ފެށިގެންވެސް އައްޑުއަތޮޅަކީ ހީވާގި ކެރޭ ހުނަރުވެރި ރައްޔިތުންތަކެއް ދިރިއުޅެމުންއައި ތަނެކެވެ. އަތޮޅުގެ އެކަހެރިކަން ކިތަންމެ ބޮޑުވިޔަސް ސަރުކާރަށް ބަރޯސާކުރުމާއި ސަރުކާރުގައި ޝަކުވާކުރުން ގިނަނުކޮށް އަމިއްލަ ފައިމައްޗަށް ތެދުވެގެން އަބުރުވެރި ތާހިރު ދިރުއުޅުމެއް އުޅެމުން އައިބައެއްގެ ވަޒަނެވެ. އަމިއްލަ އޮޑިފަހަރުގައި ކަރަކަރަޔަށް ދަތުރުކޮށް މުހުތާދުތައް ފުއްދައިގެން ވިޔަފާރިކުރި މީހުންގެ ވަޒަނެވެ.

އެގޮތް ސަރުކާރަކަށް ކަމުނުދިޔައެވެ. އެހެންވެގެން މިހާރު މިއޮތީ ސަރުކާރާނުލައި ގޯތީގެ އިންފާރުވެސް ރާނައިނުލެވޭ ޒަމާނެވެ. ހަމަކޮންމެ ކަމެއްގައިވެސް ސަރުކާރަށް ބަރޯސާކުރުމުގެ ޒަމާނެވެ. އެކަމަކު ރައްޔިތުން މިތިބީ ކެތްތެރިވެގެންނެވެ. ތާއަބަދުގެ ހުވަފެނަކީ އަތޮޅަށް ކުރިއެރުން އައުމުގެ ހުވަފެނެވެ. އަބުރުވެރި ތާހިރު ރިވެތި ދިރިއުޅުމެއް އުޅެވޭނޭ މަންޒިލަކަށް ވުމުގެ ހުވަފެނެވެ. ހުސްވުމެއްނެތް އުއްމީދަކީ އުފާވެރިކަމާއި ހިތްހަމަޖެހުމާއެކު ދުޅަހެޔޮކަންމަތީގައި އަމިއްލަ ވަޒަނުގައި އަމިއްލަ ގެދޮރުގައި ހަޔާތް ވޭތުކުރެވޭފަދަ ފުރުސަތުތަކެއް ތަނަވަސްވެފައިވާ ތަނަކަށް އައްޑުއަތޮޅު ވެގެންދިއުމެވެ.

ގައުމަށް ޑިމޮކްރަސީ އަތުވެއްޖެއެވެ. ލާމަރުކަޒީ ނިޒާމުވެސް ތައާރަފުވެއްޖެއެވެ. ވޯޓުން ކަންކަން ނިންމާ ޒަމާން އަތުވެއްޖެއެވެ. ރައްޔިތުންގެ ހުވަފެން ހަގީގަތަކަށް ހެދުމުގެ ބާރު މިއަދު ހަމަ އެރައްޔިތުންނަށް ލިބިއްޖެއެވެ. މިއަދު ކުރަންޖެހޭހާވެސް ކަމަކީ ސިޔާސީ ޕާޓީތައް ހިންގާން އެތިބަ މީހުންގެ ކެހިވެރިކަމުގެ މަޅީގައި ނުޖެހި އަމިއްލަ ސިކުނޑި ބޭނުންކުރުމެވެ. ސިޔާސީ ޕާޓީތަކަށް އަޅުދާސްވެފައިވާ ސިޔާސީ ކައުންސިލެއް ހޮވުމުގެ ބަދަލުގައި އަތޮޅަށް އިޚުލާސްތެރި ގައުމަށް ވަފާތެރި ރައްޔިތުންދެކެ ލޯބިވާ ސިޓީ ކައުންސިލެއް ހޮވުމެވެ. އެކަންކޮށް ނަމޫނާ ދައްކާންވީ ވަގުތު މިއައީއެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޯމަތިވީއެވެ.

ކޮންމެވެސް ސިޔާސީއަކު ބުނިކަމަށް ނޫހުގައި ލިޔެފައިވަނިކޮށް ދުށީމެވެ. އުއްމީދަކީ ފަންސާސް އިންސައްތައަށްވުރެ މަތީގެ މިންވަރެއް އެޕާޓީއަށް ލިބުމެވެ. ފަށާންކަމަށް ހީކުރަނީވެސް ފަންސާސް އިންސައްތައިންނެވެ. ރައްޔިތުންނޭވެ. އެއީ ހެއްލުންތެރި ކުރުވުމުގެ ވާހަކަތަކެވެ. ވޯޓުދޭންވީ ދައްކާ ވާހަކަޔަށް ބަލައިގެނެއް ނޫނެވެ. ނިޔަތާއި އަމަލަށް ބަލައިގެންނެވެ. އެގޮތަށް ބެލީމާ ފަންސާސް އިންސައްތައިން ފަށާން ޚިޔާލުކުރާ ލީޑަރަށް ލިބޭންޖެހެނީ ހަމަ ސުމެކެވެ. އެޕާޓީ ވެރިކަމަށް އައުމަށާއި މަޖިލީސް ހޯދުމަށްޓަކައި ވެފައިވާ ވައުދުތައް ކޮބައިބާވައެވެ.

ޅ.ހިންނަވަރު އިބްރާހީމު މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމުގެ ކޯލިޝަނުން އައްޑޫ ރައްޔިތުންނަށް އިއްވާފައިވާ ވައުދުނާމާޔާއި އަހުދުނާމާޔަށް މިހިސާބުން ބަލައިލަމާބަހީއެވެ. ހުޅުމީދޫގައި ޑޮކްޔާރޑެއް ހަދާނޭ ކަމަށް ބަޔާންކޮށް ވައުދުވެފައިވެއެވެ. ޑޮކްޔާރޑް މިހާރު ކޮބައިބާވައެވެ. މިވައުދުގެ މަތިން ހަނދާންހުރި ބަޔަކު އެބަތިބިބާވައެވެ. ނެތެވެ. އެޒާތުގެ ކަމެއް ކުރުމަށް ދިރާސާއެއްވެސް ނުކުރެވެއެވެ. ނިކަމެތި ރައްޔިތުންގެ ނިކަމެތިކަމުގެ ފައިދާނަގައި ވޯޓު ކަށަވަރުކުރުމަށް ދޮގެއް ހަދައިލީއެވެ. ރީތި ފަށުވި އިބާރާތުން ޖުމްލަތަކެއް އަތުރައިލީއެވެ.

ދެކުނުގެ ސަރަހައްދީ ބަނދަރު ފުރިހަމަ ބައިނަލްއަގުވާމީ ބަނދަރަކަށް ތަރައްގީކޮށް ޚިދުމަތްތަކާއި ވަސީލަތްތައް ފުޅާކުރާނޭ ކަމަށް ބަޔާންކޮށްފައިވެއެވެ. މިކަން ކުރެވިއްޖެބާވައެވެ. ނުކުރެވެއެވެ. ޕްލޭނެއްވެސްނެތެވެ. ދައްކަނީ ހައްތާވެސް ވާހަކައެވެ. އިންޑިޔާގެ ބޯޓެއް މިދިޔަ ހަފުތާތެރޭގައި އެތާގައި ބަނދަރުކޮށްގެން ދިމާވި ދައްޗަކަށްފަހު ބަނދަރު އިތުރަށް ފުރިހަމަކުރާ ވާހަކަ ދެއްކިއެވެ. ތަން އޮތީ ރައީސް މައުމޫނުގެ ޒަމާނުގައި އިލްޔާސް އިބްރާހިމްގެ މޭސްތުރިކަމުގެ ދަށުން ގާއިމްކުރެވުނު ގޮތަށެވެ.

އައްޑޫއަކީ ވިޔަފާރިއަށް ޝައުގުހުރި މީހުން ގިނަ އަތޮޅެކެވެ. އެހެންވެގެން އައްޑޫގެ ވިޔަފާރިތަކާއި ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ރައީސް އިބްރާހީމު ވެފައިވާ ވައުދުތައްވެސް ގިނަގުނައެވެ. ޑިއުޓީއާއި ޓެކްސްކުޑަކޮށް ފަސޭހަކަމާއެކު މުދާ އެތެރެކޮށް ބޭރުކުރެވޭނޭ ވިޔަފާރި ނާރެހަކަށް ހަދާނެކަމަށް ވައުދުވިއެވެ. ޑިއުޓީން މިންވަރެއް ކުޑަކުރިއެވެ. އެކަމަކު ޓެކްސްވީ އިތުރެވެ. ގާއިމުކުރެވުނީ ކޮންކަހަލަ ނާރެހެއް ބާވައެވެ. އޮތް ނާރެހަކީ ޑްރަގުގެ ނާރެހެކެވެ. ނުފޯރާފޮތިން ފޫގަޅާން ދިމާކުރާ ވިޔަފާރިވެރިންނަށް ސަރުކާރުން ދިން ލުޔެއް ވީއެހީއެއް ހަރާމުން ހަރާމެވެ.

އައްޑޫ ޓްރޭޑިންގ ކޯޕަރޭޝަނެއް އުފައްދައި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ހެޔޮ އަގުގައި ތެލާއި ހިލަޔާއި ހިލަވެއްޔާއި ސިމެންތިއާއި ކާޑުގެ ބާވަތްތައް ސީދާ އައްޑޫއަށް އެތެރެކުރުމުގެ ޚިދުމަތް ފަށާނެކަމަށްވެސް ހުވައިކޮށް ވައުދުވިއެވެ. އެސްއެމްއީ ބޭންކެއް މެދުވެރިވެ ވިޔަފާރިތަކަށާއި ގެދޮރު ބިނާކުރުމަށާއި މަސްވެރިކަމަށާއި ދަނޑުވެރިކަމަށް ފަސޭހަގޮތަކަށް ފައިނޭންސް ހަމަޖައްސައިދޭނަމޭ ބުންޏެވެ. އިންޑިޔާގެ ވިޔަފާރި މަސްލަހަތު ކުރިއެރުވުމަށް އިންޑިޔާގެ އާގުބޯޓެއް މިތަނަށް ގެނައުން ފިޔަވައި ދެންކުރެވުނު ހަމައެއްކަމެއްވެސް ނެތެވެ.

އެބުނާ އެސްއެމްއީ މެދުވެރިކޮށް ލިބުނު ފައިނޭންސަކުން ފެށިފައިވާ ދަނޑުވެރިކަމުގެ މަޝްރޫއެއް ނެތެވެ. މަސްވެރިކަމުގެ މަޝްރޫއެއް ނެތެވެ. އާބާދުވި ގެދޮރެއްވެސް ނެތެވެ. އިތުރުވީ ވަޒީފާއެއް ނެތެވެ. ވަޒީފާގައި ކުރިން ތިބިމީހުންވެސް ވެފައިވަނީ މަގުމައްޗެވެ. މިއީ ސިޔާސީ ރަންޑީންގެ ދޮގާއި މަކަރާއި ހީލަތުގެ މަޅިން ނެއްޓުމުގެ ވަގުތެވެ. މިއީ ސިޔާސީންގެ އަންބޮނޑި ބޮޑުކޮށްދޭންވީ ވަގުތެއް ނޫނެވެ. މިއީ ރައްޔިތުން ބާރުވެރިވާންވީ ވަގުތެވެ. އަތޮޅާއިގެން ތެދުވާންވީ ވަގުތެވެ. ލާމަރުކަޒީ ނިޒާމުގެ މަންފާ ލިބިގަންނާންވީ ވަގުތެވެ. ދޮގުވެރީންގެ ކަންކަށި ދޮވެލަންވީ ވަގުތެވެ.