ނ.ޅޮހީ އިސްމެޖިސްޓްރޭޓް އަހުމަދު ހަސަން މަނިކުގެ ސުލޫކީ މައްސަލައެއް ބެލުމަށް ތަހުގީގު ކޮމިޓީއެއް އެކުލަވާލުމަށް ޖޭއެސްސީން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ބުނީ ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ހަޟާނާތުގެ މައްސަލައިގައި، ދައުވާ ކުރި ފަރާތާ ކުއްޖާ ހަވާލުކުރުމަށް ވަގުތީ އަމުރެއް ނެރެ، އެ އަމުރު ހައިކޯޓުން ބާތިލުކުރުމުން ވެސް، ކުއްޖާ ކުރިން ހުރި ހާލަތަށް ރުޖޫއަކުރުމެއް ނެތި، ދައުވާކުރި ފަރާތުން ބޭނުންވި މަގުސަދު ހާސިލުވާ ގޮތަށް މައްސަލައިގައި ހާލަތު ދަމަހައްޓާފައިވާ ކަމަށެވެ.
އަދި މައްސަލަ ތާވަލުނުކޮށް ގިނަ ދުވަސްތަކެއް ފާއިތުވުމަށްފަހު ދައުވާ ކުރާ ފަރާތަށް އެކަނި ޗިޓު ފޮނުވައި، ދައުވާ ކުރާ ފަރާތުގެ ބަހެއް ނެތި ދައުވާ ބާތިލުކޮށްފައިވާ މައްސަލައާ ގުޅިގެން ޅޮހީ އިސްމެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބެލުމަށް މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.
އެހެންކަމުން އެ މައްސަލަ ބެލުމަށް ތަހުގީގު ކޮމިޓީ އެކުލަވާލުމަށް މިއަދު ބޭއްވި ކޮމިޝަނުގެ 98 ވަނަ ޖަލްސާގައި ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.