ފޭދޫ އަވަށު އޮފީހާ ގުޅޭގޮތުން "ވަގުތު" ނޫހުން ފަތުރަމުންދަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.
އައްޑޫ ކައުންސިލުން މިހެން ބުނެފައިމިވަނީ ފޭދޫ އަވަށު އޮފީހުން އޮޅުވާލައިގެން ލިޔުންތަކެއް ދޫކޮށްފިކަމަށް ބުނެ "ވަގުތު" ނޫހުން ފަތުރާފައިވާ ޚަބަރަކާއި ގުޅިގެން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
އެގޮތުން އެ ބަޔާނުގައި ބުނީ ސައްހަނޫން ލިޔެކިޔުންތަކެއް ދިންކަމަށް "ވަގުތު" އޮންލައިން ފާހަގަކޮށްފައިވާ ކަމަކީ ދިވެހި ރައްޔިތަކު ފޭދޫގައި ދިރިއުޅޭތާ ހަ މަސް ދުވަސް ވެފައިވާކަމުގެ ލިޔުމަކާއި ގުޅޭ މައްސަލައެއް ކަމަށެވެ.
އެގޮތުން ޤާނޫނު އަސާސީގެ 41 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ރާއްޖޭގައި އެކި ތަންތަނަށް ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާއިރު އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވަޒަންވެރިވުމާއި، އެއްރަށުން އަނެއް ރަށަށް ހިޖުރަކުރުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާކަމަށް ބަޔާންކޮށްފައިވާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
"މިޙައްޤުތަކާއި މިނިވަންކަން ފުޅާ ދާއިރާއެއްގައި ކޮންމެ ރައްޔިތަކަށް ވެސް ލިބިދީފައި އޮތުމުން އެހެން ރަށްތަކުގެ ރައްޔިތުން ވެސް އައްޑޫގައި ދިރިއުޅެމުންގެންދެއެވެ. މީހަކު އައްޑޫގައި ދިރިއުޅެމުން ގެންދާކަމުގެ ލިޔުމެއް ހޯދުމަށް އެދެފިނަމަ މިއިދާރާއިން ޢަމަލުކުރަމުން ގެންދާގޮތަކީ އެމީހަކު އައްޑޫގައި ވަކި ދުވަހެއް ވަންދެން ދިރިއުޅެމުންގެންދާކަން އެގޭނެ ދެފަރާތެއްގެ ބަސް ލިޔުމުން ހޯދުމަށް ފަހު އެފަރާތްތަކުން ބުނާ ބުނުމެއްގެ މައްޗަށް ބިނާކޮށް އަވަށު އޮފީހުން އެފަދަ ލިޔުން ދޫކުރަނީއެވެ. "ވަގުތު" އިން ފާހަގަކޮށްފައިވާ މައްސަލާގައި ވެސް ފޭދޫ އަވަށު އޮފީހުން ޢަމަލުކޮށްފައިވަނީ މިގޮތުގެމަތިންނެވެ" އެ ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން ފޭދޫ އަވަށު އޮފީހުން ބަޔަކަށް ނާޖައިޒު މަންފާއެއް ނުވަތަ ފައިދާއެއް ހޯދުމަށް ލިޔުންތަކެއް ތައްޔާރުކޮށް ސައްހަނޫން މަޢުލޫމާތު ދީފައިވާކަމަށް "ވަގުތު" އިން ބުނެފައިވާ ބުނުމަކީ ޙަޤީޤަތާއި ޚިލާފު ވާހަކައެއް ކަމަށް ކައުންސިލުން ބުނެއެވެ.
އަދި "ވަގުތު" އެ ޚަބަރު ގެނެސްދިން އިރު ކައުންސިލްގެ އިދާރާގެ ބަހެއް ހޯދާފައި ނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.