Last Updated: June 17, 18:14
Tuesday, June 17, 2025
ޚަބަރު

އެއް ކިލޯގެ ޑްރަގާއެކު ހައްޔަރުކުރި ފަސް މީހުން ދޫކޮށްލީ ގާނޫނާ ހިލާފަށް

ދިވެހިރާއްޖޭގަެ ހައިކޯޓު --

މިދިޔަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު މާލެއިން އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރު ކޮށްފައިވާ ފަސް ދިވެހިން ދޫކޮށްލީ ގާނޫނާއި ހިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ހައިކޯޓުން މިގޮތަށް ހުކުމް ކުރީ އެ ފަސް މީހުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުގެ ފަރާތުން އިސްތިއުނާފް ކުރުމާ ގުޅިގެންނެވެ. އެ ފަސް މީހުން ދޫކޮށްލީ މުޖުތަމައު އަށް ނުރައްކަލެއް ނެތް ކަމަށް ބުނެއެވެ.

އެ މައްސަލައިގައި ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ ސުޕްރީމް ކޯޓުގެ ނަންބަރު33/A-SC/2011 ނަންބަރު ޤަޟިއްޔާ ގައި ފާހަގަ ކޮށްފައިވާ ތިންވަނަ ކަންތަކަށް ބަލާއިރު، މަނާކުރެވިފައިވާ މަސްތުވާ ތަކެތީގެ ވިޔަފާރިއާއި އޭގެ ބޭނުންކުރުމުގެ ކުށްތަކަކީ، އެކުށްތަކުގެ ޒާތާއި ބާވަތުން މުޖްތަމަޢައަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކަށްޓަކައި، މުޖުތަމަޢަށް ނުރައްކާތެރިކަން ބޮޑު ކުށުގެ ޢަމަލުތަކެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ކުއްތަކެއްކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ.

އަދި މިކުށަކީ އެންމެ މަތީ ދަރަޖައިގެ ޖިނާޔަތުގެ ތެރޭގައި ހިމެނޭ ކުށެއްކަން އެނގެން އޮންނަކަމަށް ބަޔާން ކޮށްފައިވާ ކަމަށާއި ސުޕްރީމް ކޯޓުގެ މިޤަޟިއްޔާގައި މަސްތުވާތަކެތީގެ ވިޔަފާރީ ކުރުމާއި އޭގެ ބޭނުން ކުރުމަކީ މުޖުތަމަޢަށް
ނުރައްކާތެރިކަން ބޮޑު ކުށުގެ ޢަމަލެއްކަމަށް ބަޔާންކުރި ކުރުން، އެކޯޓުން އެހެން ގޮތަކަށް ބަދަލު ނުކުރާނަމަ،
ދަށު ކޯޓަކަށް އެނޫން ތަރުޖަމާއެއް ނުދެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުން ބަޔާންވެދިޔަ އަމުރުތަކާއި މެދު ގޮތް ކަނޑައެޅިއިރު، އިސްތިއުނާފް ރައްދުވާ ފަރާތްތަކުގެ
މައްޗަށް ކުށާ ގުޅުވާލެވޭ އެކަށޭނެ ހެކި ލިބިފައިވާކަން ބަޔާން ކޮށްފައިވާ ކަމަށާއި އެހެންކަމުން، އިސްތިއުނާފް ރައްދުވާ ފަރާތްތަކުގެ މައްޗަށް އުފުލިފައިވާ ކުށުގެ ދަޢުވާތަކަކީ، މަދަނީ މިންގަނޑުން ބަލާއިރު، އެދަޢުވާތައް ކުރެވޭނެ
ތަނެއް އޮތްކަމަށް ފަނޑިޔާރަށް ޤަބޫލު ކުރެވިފައިވާ އަދި ދަޢުވާއާއިގެން ކުރިއަށް ދެވޭނެ ދަޢުވާ ތަކެއްކަން
އެނގޭ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުތަކަކީ ގާނޫނާއި އެއްގޮތަށް ނެރެފައިވާ އަމުރުތަކަށް ނުވާތީ އެ އަމުރުތައް ބާޠިލުކޮށް، އިސްތިއުނާފް ރައްދުވާ ފަސްމީހުންގެ މައްޗަށް ޕްރޮސިކިއުޝަނުން އުފުލާފައިވާ ދަޢުވާތައް ޝަރީޢަތުން ނިމެންދެން އެ ފަސްމީހުން ބަންދުގައި ބަހައްޓައިދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކުރިމިނަލް ކޯޓަށް ހުށަހަޅާތާ ހަތް ދުވަހުގެ ތެރޭގައި، އެފަސްމީހުންގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ނިންމުމަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.