ކުރީގެ އުއްތަމަ ފަޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އަކީ ކޯޓުތެރޭގައި ވެސް ބަޣާވާތްކުރި މީހެއް ކަމަށް މާފަންނު އުތުރު ދާއިރާ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
އިންތި މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ޑރ.ދީދީ ވިދާޅުވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
އެގޮތުން އިންތި ވަނީ މިވާހަކަ މިދައްކަވަނީ ތިމާވެސް އެ ހުކުމުގައި ސޮއިއަޅައިގެން ހުކުމް ނެރެފައި، އަނެއްދުވަހު އެނޫން ގޮތަކަށް ހުކުމް ބަދަލުކުރި މީހާތޯ ސުވާލު ކުރައްވާފައެވެ.
"އުއްތަމަ ފަނޑިޔާރުކަން ހޯދުމަށް ރަޙުމަތްތެރިންނަށް ވެސް ދޯކާދީ ކޯޓުތެރޭގައި ވެސް ބަޣާވާތްކުރި މީހެއް ތިޔައީ!" ޑރ.ޑީޑީ އަށް ނިސްބަތްކޮށް އިންތި ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ވާހަކައާއި ގުޅިގެން ޑރ. ޑީޑީ ވިދާޅުވީ ބަލަންޖެހޭ ހަގީގީ މައްސަލައަކީ ގާއިމުވެ އޮތް ލެޖިޓިމެޓް ސަރުކާރު ފަނޑިޔާރުންނާ ގުޅިގެން ވައްޓާލަން ރޭވިކަމަށް ތުހުމަތު ކުރެވުނު ނުވަތަ ކުރެވޭ ފަރާތްތަކުގެ މައްސަލަ ކަމަށެވެ.
މިވާހަކަތަކާއި ގުޅިގެން ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ގާނޫނީގޮތުން ދެކޮޅުޖެހޭ އަމުރެއް ނޫން ކަމަށާއި އެ އަމުރު ނެރުނީ 5 ފަނޑިޔާރުންގެ އިއްތިފާގުން ކަމަށެވެ.
އަދި އެ 5 ފަނޑިޔާރުންވެސް އެ އަމުރަށް، އަދި އޭގެ ނަތީޖާއަށް ޒިންމާވާން ޖެހޭނެކަމުގައި ދެކެވަޑައި ގަންނަވާ ކަމަށްވެސް މުއިއްޒު ކުރެއްވި ޓްވީޓުގައިވެއެވެ.