Last Updated: June 17, 18:14
Tuesday, June 17, 2025
ވިޔަފާރި

ދޮގު ވާހަކަ ފަތުރަނީ ކާމިޔާބީތަކާއި މެދު ހަސަދަވެރިވާތީ: ފެނަކަ

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ސައީދު މުހައްމަދު، ފޮޓޯ: ރާއްޖެއެމްވީ

ފެނަކަ ކޯޕަރޭޝަންގެ ނަން ކިލަނބު ކުރުމަށް ބައެއް އޮންލައިން ނޫސްތަކުން ފަތުރަމުންދާ ޚަބަރުތައް އެ ކުންފުނިން ދޮގުކޮށްފިއެވެ.

މިކަމާއި ގުޅިގެން ފެނަކަ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މާޒީގައި ފެނަކަ ކޯޕަރޭޝަނުން ރައްޔިތުންނަށް ހަރުދަނާ ގޮތެއްގައި ޚިދުމަތް ފޯރުކޮށް ނުދެވި، ކުންފުނީގެ ނަން ތަޣައްޔަރުވެ ކިލަނބުވެފައި ވަނިކޮށް 2018 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 18 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް، ކުންފުނީގެ ހިނގުމަށް ގެނެވުނު އިންޤިލާބީ ބަދަލާއި ގުޅިގެން ބަޔަކު ހަސަދަވެރިވެފައިވާ ކަމަށެވެ.

އަދި ބައެއް އޮންލައިން ނޫސްތަކުގައި ލިޔުއްވާ ޙަޤީޤަތާއި ޚިލާފު ވާހަކަތަކަކީ، ކުންފުނީގެ އެކި ޒިންމާތަކުގައި ތިއްބެވި ވެރިންގެ ޢަބުރު ކަތިލުމަށް ހިންގަމުންދާ ނާތަހުޒީބު ފިނޑި ޢަމަލެއްކަމަށް ފެނަކައިގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން ކުންފުނިން ފޯރުކޮށްދެމުންދާ ޚިދުމަތްތަކާއި، ރައްޔިތުންނަށް އެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކަށް ފާޑުކިޔުމަކީ މަރުހަބާ ކިޔާކަމެއް ކަމަށް ވެސް ފެނަކައިން ބުނެއެވެ.

އެހެންނަމަވެސް ކުންފުންޏާއި ގުޅޭގޮތުން ޙަޤީޤަތާއި ޚިލާފު، ސާބިތު ނުހިފޭ ދޮގުވާހަކަތައް ފެތުރުމަށް ފުރުސަތެއް ނުދޭނެކަމަށާއި، ކުންފުންޏާއި، ކުންފުނީގެ ވެރިންނާމެދު އެކިފަރާތްތަކުން ޝާއިޢު ކުރަމުންދާ ހަޤީޤަތާއި ޚިލާފު ވާހަކައަކުން އިޚްލާޞްތެރިކަމާއި، ތެދުވެރިކާމާއި، އަމާނާތްތެރިކަމާއެކު ރައްޔިތުންނަށް ދެމުންދާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެންމެ ހިނދުކޮޅަކަށް ވެސް ފަސްޖެހުމަކާއި ނުލައި، ޚިދުމަތުގެ މައިދާނުގައި ކުންފުނިން މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން އަރުވާކަމަށް ވެސް ފެނަކައިން ވަނީ ބުނެފައެވެ.