Last Updated: June 17, 18:14
Tuesday, June 17, 2025
ވިޔަފާރި

ބީއެމްއެލް އިސްލާމިކްގެ ލައިފްސްޓައިލް ފައިނޭންސިން އަށް ހެޔޮ ބަދަލެއް

ކުލިން އާމްދަނީ ލިބޭ އާންމު ފަރުދުންނަށް ދޫކުރާ ލައިފްސްޓައިލް ފައިނޭންސިންގ އަށް ބީއެލްއެލް އިސްލާމިކް އިން ހޮޔެ ބަދަލުތަކެއް ގެނެސްފިއެެވެ.

މި ފެސިލިޓީ އަކީ ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިން މުރާބަހާ، މުޝާރަކާ، ވަކާލާ އަދި ޢިޖާރާ ގެ ދަށުން އެކުލަވާލެވިފައިވާ ފެސިލިޓީއެކެވެ.

ބީއެމްއެލް އިން ބުނީ މި ބަދަލާއެކު، ބީއެމްއެލް ލައިފްސްޓައިލް ފައިނޭންސިން އެއްވެސް ރަހުނަކާ ނުލާ %15 ގެ ރޭޓުގައި 25،000 ރުފިޔާ އިން ފެށިގެން 300،000 ރުފިޔާ އާ ހަމަޔަށް ދޫކުރެވޭނެ ކަމަށެވެ. އަދި 300،000 ރުފިޔާއިން ފެށިގެން 1.5 މިލިއަން ރުފިޔާއާ ހަމަޔަށް ފައިނޭންސިންގ ބޭނުންވާ ފަރާތްތަކަށް ރަހުނާއެކު %12 އަށް ކުޑަކުރެވިފައިވާ ރޭޓެއްގައި ފައިނޭންސް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލްގެ ޑިރެކްޓަރ އޮފް އިސްލާމިކް ބޭންކިންގ ސުރީ ހާނިމް މުޙައްމަދު ވިދާޅުވީ ކުލީގެ ގޮތުގައި އާމްދަނީ ލިބޭ ފަރާތްތަކަށް ހާއްސަކޮށް ދޫކުރާ މި ފެސިލިޓީއަށް ހެޔޮ ބަދަލެއް ގެނެވުމަކީ ލިބުނު އުފަލެއް ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ ބީއެމްއެލް އިސްލާމިކްގެ ޕޯޓްފޯލިއޯ ރަނގަޅުކޮށް އަދި ޝަރުޢީ ހަމަތަކާ އެއްގޮތްވާ ފެސިލިޓީ ބޭނުންވާ ކަސްޓަމަރުން އިތުުރުވަމުންދިޔުމާއެކު، އެންމެ ރަނގަޅު ގޮތްތައް ކަސްޓަމަރުންނަށް ހޯދައިދިނުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން." އޭނާ ވިދާޅުވިއެވެ.

ބީއެމްއެލް އިސްލާމިކް ޚިދުމަތްތައް ފަރުމާ ކުރެވިފައިވަނީ އިސްލާމިކް ބޭންކިންގ އާ ގުޅޭ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިންނެވެ. ލައިފްސްޓައިލް ފައިނޭންސިންގ އަށް އެދި ހ. ޒޮނޭރިއާ ގައި ހުންނަ ބީއެމްއެލްގެ އިސްލާމިކް މާލެ ބްރާންޗަށް ހުށަހެޅޭނެއެވެ. އަދި އަތޮޅު ތެރެއިންނަމަ ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށްވެސް އެދި ހުށަހެޅޭނެއެވެ.