Last Updated: June 17, 18:14
Tuesday, June 17, 2025
ޚަބަރު

ގައްސާން، ނަޝީދަށް: ދެ ރިސޯޓުން ގައުމު ހިންގި ދުވަސް މާޒީވެއްޖެ

ޣައްސާން މައުމޫން

ދެ ރިސޯޓާއި ހަތް ކޮމްޕިއުޓަރުން ގައުމު ހިންގި ދުވަސް މާޒީ ވެގެން ގޮސްފައިވާ ކަމަށް ވިދާޅުވެ ގުރައިދޫ ދާއިރާ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވެއްޖެއެވެ.

ޣައްސާނު މިހެން ވިދާޅުވެފައިވަނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޖަލުގައި ހުންނަވާތީ ނަޝީދު ކަންބޮޑުވުން ފާޅުކުރައްވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ކުރައްވާ މަސައްކަތުގައި ޔާމީންގެ ތާއީދު ހޯއްދެވުމުގެ ނިޔަތުގައި ކަމަށް ދޭހަވާ ގޮތަށް "ސަން" ނޫހުގައި ލިޔެފައިވާ ރިޕޯޓަކާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ގައްސާން ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމަކީ ރައްޔިތުން އެގޮތަށް ނިންމެވުމުން ގާނޫނު އަސާސީގައި އެކަށައެޅި ނިޒާމެއް ކަމަށާއި އެ ނިޒާމު ބަދަލުކުރުމުގެ ބާރުވެސް އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށެވެ.

"ދައްކާލި ކޮންމެ ވާހަކައެއް ދިވެހިން ދެނެއް ނުހެއްލޭނެ. ދެ ރިސޯޓާއި ހަތް ކޮމްޕިއުޓަރުން ގައުމު ހިންގި ދުވަސް މާޒީ ވެއްޖެ" ގައްސާން ވިދާޅުވިއެވެ.

ރާއްޖޭގައި މިވަގުތު އޮތީ ރިޔާސީ ނިޒާމެއް ކަމަށްވާއިރު، ވެރިކަން ކުރަން އެންމެ ރަނގަޅު ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ނަޝީދު އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބުމުގެ އެންމެ ކަށަވަރު މަގަކީ ބަރުލަމާނީ ނިޒާމު ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އެމްޑީޕީ އަށް ކުރިއަށް އޮތް 10 އަހަރު ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތްކޮށްދެވެން އޮތް ނިޒާމަކީ ވެސް ބަރުލަމާނީ ނިޒާމު ކަމަށް ނަޝީދު ވިދާޅުވިއެވެ.