Last Updated: June 17, 18:14
Tuesday, June 17, 2025
ޚަބަރު

"ވިސްނާ" ގެ ނަމުގައި އިދިކޮޅުގެ ޖަލްސާއެއް

އަންނަ ހޮނިހިރު ދުވަހު "ވިސްނާ" ގެ ނަމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.

މިއަދު ޕީޕީއެމް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވީ މި ޖަލްސާ އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެރޭ ކާނިވާ ސަރަހައްދުގައި 8:30 ގައި ކަމަށެވެ.

މި ޖަލްސާއާ ގުޅިގެން ހޯދަންޖެހޭ ހުއްދަތައް ހޯދުމަށް އެދި މާލޭ ސިޓީގެ މޭޔަރު އަދި އެޗްޕީއޭ އަށް ވެސް ސިޓީ ފޮނުވާފައިވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އެޗްޕީއޭ އަށް ސިޓީ ފޮނުވި ނަމަވެސް އެންމެފަހުން އެ އެޖެންސީން އާންމުކުރި ގައިޑްލައިނުގައި މާލެ ސަރަހައްދުގައި މިފަދަ ހަފްލާތައް ބޭއްވޭނެ ކަމަށް ބުނެފައިވާ ކަމަށާއި އެހެންކަމުން އެޗްޕީއޭގެ ހުއްދައެއް ހަގީގަތުގައި ބޭނުން ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ހަމައެކަނި އަޅުގަނޑުމެން ބޭނުންވަނީ ކާނިވާ ސަރަހައްދު. އުއްމީދު ކުރަން މިފަހަރު މި ސަރުކާރަށް މިކަން ކުރަން ކެރޭނެ ކަމަށް" ޝުޖާއު ވިދާޅުވިއެވެ.

މިދިޔަ ލޮކްޑައުން ތެރޭގައި ވެސް ރައްޔިތުންގެ ޝުއޫރު ފާޅުކުރުމަށް ކާނިވާ ސަރަހައްދު ހޯދަން އެދިފައިވާ ކަމަށާއި ނަމަވެސް މި ސަރުކާރަށް އެކަން ކުރަން ނުކެރުނު ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

އިދިކޮޅުގެ ހަރަކާތްތައް ވަރުގަދަ ކުރަމުން އަންނައިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިދިކޮޅުން އަންނަނީ އޮންލައިންކޮށް ވެސް ޖަލްސާތަކެއް ބާއްވަމުންނެވެ. އެގޮތުން މި މަހުގެ 22 ވަނަ ދުވަހުގެރޭ ނައިފަރު އަދި މި މަހުގެ 26 ވަނަ ދުވަހުގެރޭ ގއ.ވިލިނގިލީގައި ވެސް މިފަދަ ޖަލްސާއެއް އޮންނާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.