ބޯހިޔާވަހިކަން ބޭނުންވާ މިންވަރު ބަލަން ދިރާސާއެއް ކުރަން ފަށައިފިއެވެ.
ހައުސިން މިނިސްޓްރީން ބުނީ ވޯލްޑް ބޭންކްގެ އެހީގައި ކުރިއަށްގެންދާ މޯލްޑިވްސް އާރބަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ "މޯލްޑިވްސް ހައުސިންގ މާކެޓް ނީޑްސް އެންޑް އެސަސްމަންޓް ސްޓަޑީ"ގެ ސާރވޭ މަސައްކަތް އަންނަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.
މި ދިރާސާއަކީ ބޯހިޔާވަހިކަން ބޭނުންވާ މިންވަރާއި، ގޯތިގެދޮރުގެ މިލްކިއްޔާތު ލިބުމުގައި ދެކޭގޮތާއި ކުއްޔަށް އުޅޭ ފަރާތްތަކަށް ލުއި ފަސޭހަމަގެއް ދެނެގަތުމަށާއި ސަރުކާރުގެ ފަރާތުން އިތުރު އެހީ ބޭނުންވާ ހާލަތެއްގައި ދެވޭނެގޮތްތައް ދެނެގަތުމަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދިރާސާއެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
އެގޮތުން މި ދިރާސާއިން ހޯދޭ މަޢުލޫމާތުގެ ތެރެއިން ޝާއިޢު ކުރެވޭނީ، ދިރާސާގައި އެއްކުރެވޭ މަޢުލޫމާތުގެ ޖުމުލަ އަދަދުތަކަށް ބިނާކޮށް ހޯދޭ ހޯދުންތަކުން ކަމަށާއި ދިރާސާގެ ބައިވެރިންގެ ޒާތީ އެއްވެސް މަޢުލޫމާތެއް ޝާއިޢުއެއް ނުކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މި ދިރާސާ ކުރުމަށް ހަމަޖެހިފައިވަނީ ފޯން ސާރވޭއަކާއި އަދި މިކަމާއި ގުޅުންހުރި ފަރާތްކާއިއެކު ކުރެވޭ މަޝްވަރާތަކެއްގެ އެހީގައެވެ. މީގެ އިތުރުން މިސާރވޭއަކީ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަރާތުން ސާރވޭކުރުމުގެ ހުއްދަ ލިބިގެން ކުރިޔަށްގެންދެވޭ ސާރވޭއެއް ކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ.