Last Updated: June 17, 18:14
Tuesday, June 17, 2025
ދުނިޔެ

ޔޫކޭގެ ފްލައިޓުތައް އިންޑިއާ އަށް އައުން މަނާކޮށްފި

އިނގިރޭސި ވިލާތުގައި ފެތުރޭ ކޮވިޑް-19 ގެ ވައިރަހުގެ އާ ވައްތަރާއެކު އެގައުމުގެ ފްލައިޓްތައް އިންޑިއާ އަށް އައުން މަނާކޮށްފިއެވެ.

އިންޑިއާގެ ސިވިލް އޭވިއޭޝަނުން މިއަދު ބުނީ ޔޫކޭގައި ވައިރަހުގެ ހާލަތު އޮތް މިންވަރަށް ބަލައި އެގައުމުން އިންޑިއާ އަށް އަންނަ ހުރިހާ ފްލައިޓެއް މި މަހުގެ 31 ގެ ނިޔަލަށް އައުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

މި ނިންމުމަށް އަމަލުކުރަން ފަށާނީ އަންނަ ބުދަ ދުވަހުން ފެށިގެންނެވެ. އޭގެކުރިން ޔޫކޭގެ ފްލައިޓުތަކުން އަންނަ ފަސިންޖަރުން އެއާޕޯޓުން ކޮވިޑަށް ޓެސްޓު ކުރުމަށް ވަނީ ނިންމާފައެވެ.

ޔޫކޭގައި ފެތުރޭ ވައިރަހުގެ އާ ވައްތަރާއެކު ކެނެޑާ އާއި ސައުދީ އަރަބިއްޔާގެ އިތުރުން ޔޫރަޕްގެ ބައެއް އެހެން ގައުމުތަކުން ވެސް ވަނީ ޔޫކޭ އިން އަންނަ ފްލައިޓުތައް އައުން މެދުކަނޑާލަން ނިންމާފައެވެ.

ސިއްހީ އޮފިޝަލުން ބުނާގޮތުން ޔޫކޭގައި ފެތުރޭ ވައިރަހުގެ އާ ވައްތަރަކީ ފަސޭހައިން ފެތުރުމުގެ 70 ޕަސެންޓް ފުރުސަތު އޮތް އެއްޗެއް ކަމަށެވެ. ނަމަވެސް މިހާރު އުފައްދާފައިވާ ވެކްސިންތަކުގެ ޒަރިއްޔާ އިން ވައިރަހުގެ އާ ވައްތަރު ހުއްޓުވައިދޭނެ ކަމަށް އޮފިޝަލުން ބުނެއެވެ.

އިނގިރޭސި ވިލާތުން މިހާތަނަށް ވަނީ 2,040,147 މީހުން ކޮވިޑަށް ޕޮޒިޓިވްވެ 67،401 މީހުން މަރުވެފަ އެވެ.