Last Updated: June 17, 18:14
Tuesday, June 17, 2025
ޚަބަރު

އިސްލާމީ ލަފްޒުތައް ބޭނުން ކުރަން ވާނީ އޮންނަ ގޮތަށް: މިނިސްޓްރީ

އިސްލާމިކް މިނިސްޓަރ ޑރ.އަހްމަދު ޒާހިރު – ފޮޓޯ: ރައީސް އޮފީސް

އިސްލާމްދީނުގައި ބޭނުން ކުރަމުންދާ ޝަރްޢީ މުޞްޠަލަޙުތައް (ލަފްޒުތައް) ބޭނުން ކުރަންވާނީ ޝަރުޢުގައި އެ މުޞްޠަލަޙަތެއް ބޭނުން ކުރަމުންދާ ގޮތަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ ޤާނޫނީ ގޮތުންވެސް މިފަދަ ޝަރުޢީ މުސްޠަލަޙުތައް ބޭނުންކުރަމުން ދަނީ ޝަރުޢުގައިވާ ގޮތަށް ކަމަށެވެ.

"މިސާލަކަށް: ޒިނޭ ވާނީ ޒިނޭއަށެވެ. ކައިވެނި ވާނީ ކައިވެންޏަށެވެ. ލިވާޠު ވާނީ ލިވާޠަށެވެ" މިނިސްޓްރީން ބުންޏެވެ.

އަދި އިސްލާމްދީނަކީ ރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރުކަމަށްވެފައި، މިފަދަ ޝަރުޢީ މުޞްޠަލަޙުތަކުގެ ޝަރުޢީ މަފްހޫމް ގެއްލޭނެ ފަދައިން ބޭނުންކުރުމަކީ ޝަރުޢީ މިންގަނޑުތަކާއި ޤާނޫނުއަސާސީއާ ޚިލާފުކަމެއް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން ޝަރުޢީ މުޞްޠަލަޙުތައް (ލަފްޒުތައް) ބޭނުން ކުރަންވާނީ ޝަރުޢުގައި އެ މުޞްޠަލަޙެއްގެ ބޭނުން ކުރުމަށް އޮންނަ ގޮތަށް ކަމަށް މިނިސްޓްރީން ވަނީ ހަނދާންކޮށްދީފައެވެ.

މިނިސްޓްރީން މިހެން ބުނެފައިމިވަނީ ޑީއެންއޭ އެވިޑެންސް އާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ލިޔުއްވާފައިވާ ލިޔުއްވުމަކާއި ގުޅިގެން ކަމަށް ބެލެވެއެވެ.

އެގޮތުން ޕީޖީގެ އެ ލިޔުމުގައި ވަނީ ފުރަތަމަ ޤާނޫނުލްޢުޤޫބާތުގެ ދިވެހި ޑްރާފްޓު ލިޔުނުއިރު، “ޒިނޭ” މިބަސް ނެތް ކަމަށާއި އެ ބަސް ނެތީ، ކުށް ތަކަށް ނަން ދެވިފައި ހުރި ގޮތަށް ގެނައި ބަދަލަކާއެކު ކަމަށެވެ. އޭރު ބޭނުން ކޮށްފައި އޮތީ “ޖިމާޢު” ވުމެވެ.

"ޤާނޫނުލްޢުޤޫބާތުގައި ކުށްތަކަށް ދީފައިވާ ނަންތަކަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ގެންނެވި ބަދަލުތަކާއެކު “ޒިނޭ” މި ބަސް އަނބުރާ ގެނެސް، ޒިނޭގެ ދެވައްތަރެއްގެ ކުށް ބަޔާންކުރާގޮތަށް ޤާނޫނުލްޢުޤޫބާތު ފާސްވެގެން ދިޔައީއެވެ. މިސަބަބަށްޓަކައި، ޤާނޫނުލްޢުޤޫބާތު ކިޔަވައިދިންއިރު އަޅުގަނޑުމެން ކިޔައިދެމުން އައީ ‘ބަހަކީ ބަހެއް ނޫން’ ކަމަށާއި، ‘ބަހަކީ އެއަށް އަޅުގަނޑުމެން ދޭ މާނައެއް’ ކަމަށެވެ. އޭގެ ބޭނުމަކީ، ބަހުގެ ޤައިދުން ނެއްޓި، ފުޅާކޮށް، ނަތީޖާ ނެރެވޭ ގޮތަށް ވިސްނުން ބަދަލުކުރަން މަސައްކަތް ކުރުމެވެ" ޕީޖީ ވިދާޅުވިއެވެ.

އަދި ޝަރުޢީ ޒިނޭއާއި ޤާނޫނީ ޒިނޭގެ ތަފާތަކީ ސާބިތުކުރަން ހުށަހަޅާ ހެއްކާއި އަދަބު ކަމަށާއި ޝަރުޢީ ޒިނޭ ސާބިތު ކުރަން ހުށަހަޅަނީ އިސްލާމީ ޝަރީޢަތުގައި ބުނާ އިޢުތިރާފު ނުވަތަ ހަތަރު ހެކިންގެ ހެކިބަހަށް ކަމަށްވާއިރު ޤާނޫނީ ޒިނޭ ސާބިތު ކުރަން، ޤާނޫނީ ގޮތުން ހުއްދަ ކޮންމެ ހެއްކެއް ހުށަހެޅޭ ކަމަށް ޕީޖީ ވިދާޅުވިއެވެ.

ޝަރުޢީ ޒިނޭއަށް އޮތް އަދަބަކީ 100 އެތިފަހަރުން ޖަލްދު ކުރުމެވެ. ޤާނޫނީ ޒިނޭއަކަށް އެ އަދަބެއް ނެތް ކަމަށާއި އޮތީ، ޤާނޫނުލްޢުޤޫބާތުގައި އޮތް އަދަބު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، ޤާނޫނީ ޒިނޭއެއް ސާބިތުވެގެން ޖަލްދު ނުކުރެވޭނެކަމަށްވެސް ޤާނޫނުލްޢުޤޫބާތުގައި ލިޔެފައިވާ ކަމަށް ޕީޖީ ވިދާޅުވިއެވެ.