Last Updated: June 17, 18:14
Tuesday, June 17, 2025
ޚަބަރު

ޖޫރިމަނާގެ އުސޫލު އާންމުކުރީ އިދިކޮޅު ޖަލްސާ އަށް އަމާޒުކޮށް

ކޮވިޑް-19 އާއި ގުޅިގެން އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރާ އަދަދު ބޮޑުކޮށް އުސޫލެއް މިއަދު އާންމުކުރީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ އަށް އަމާޒުކޮށްގެން ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އިދިކޮޅުން ވަނީ އަންނަ ހޮނިހިރު ދުވަހުގެރޭ "ވިސްނާ" ގެ ނަމުގައި ކާނިވާ ސަރަހައްދުގައި ޖަލްސާ އެއް ބޭއްވުމަށް ނިންމާފައެވެ.

އެޗްޕީއޭގެ އުސޫލާއި ގުޅިގެން ޝުޖާއު ވިދާޅުވީ ކުއްލިއަކަށް އުސޫލެއް ހަދާފައިވަނީ އިދިކޮޅުގެ ޖަލްސާ އަށް އަމާޒުކޮށްގެން ކަމަށެވެ. އަދި އެއްލަކިން ޖޫރިމަނާ ކުރަމުންދާ ކަމަށާއި ރައްޔިތުން ފެލުން ހުއްޓުވަން ސަރުކާރުން ވިސްނުން ނުގެންގުޅޭ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ. ޝުޖާއު ވަނީ މިކަމާއި ރައްޔިތުން ވިސްނުމަށްފަހު ޖަލްސާ އަށް ވަޑައިގަތުމަށް އެދިފައެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު އުސޫލެއްގައި ބުނީ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް އަންގާ އެންގުމަކަށް މީހަކު ހުރަސްއަޅައިފި ނަމަ ނުވަތަ ޢަމަލު ނުކޮށްފި ނަމަ، އެ ފަރާތަކުން އެ ކުރަނީ ކުށެއް ކަމަށެވެ.ޛޮޮ

އެގޮތުން އާންމު ފަރުދެއް ނަމަ، ފުރަތަމަ 1،000 ރުފިޔާއިން ދެވަނަ ފަހަރު 3،500 ފަހަރު އަދި ތިންވަނަ ފަހަރު 7،500 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. ހަތަރުވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަަށް އުސޫލުގައި ބުނެފައިވެއެވެ.

އަދި ގާނޫނީ ޝަހުސެއްނަމަ ފުރަތަމަ ފަހަރު 5،000 ރުފިޔާއިން ދެވަނަ ފަހަރު 25،000 ފަހަރު އަދި ތިންވަނަ ފަހަރު 50،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. އަދި އެންގުމާއި ހިލާފުވާ ހަތަރުވަނަ ފަހަރު 75،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެންގުމާއި ހިލާފުވާ ފަސްވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަަށް އުސޫލުގައިވެއެވެ.