Last Updated: June 17, 18:14
Tuesday, June 17, 2025
ޚަބަރު

ވައްކަންތައް ނުބެލޭ، ޒީރޯ ޓޮލަރަންސްގެ މާނަ އޮޅިއްޖެ: އުޝާމް

ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަދި މި ސަރުކާރުގެ ބަންޑާރަނައިބު އަހުމަދު އުޝާމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެއްވެސް ވައްކަމެއް ނުބެލޭ ކަމަށާއި ޒީރޯ ޓޮލަރަންސްގެ މާނަ މިހާރު އޮޅިފައިވާ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވެފައިމިވަނީ ޓްރާންސްޕޯޓް މިނިސްޓްރީން ވެހިކަލްތަކުގެ ނަމްބަރު ޕްލޭޓް ވަސާޖިއޯއަށް ދިނުމުގައި ގޯސްތަކެއް ހަދާފައިވާ މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން އުޝާމް ވިދާޅުވީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ލީކްވި އޯޑިއޯތަކުގައި ބުނާ ޓްރާންސްޕޯޓް މިނިސްޓްރީ ތެރޭގައި ހިންގި ވައްކަމުގެ މައްސަލަ ވެސް ނުބެލުނު ކަމަށާއި އަދި ބާ ބަސްތަކެއް ގެނެސްގެން ވެސް ވައްކަންކޮށްފައިވާ ކަމަށެވެ.

"މިއަދު އަނެއްކާ އިތުރު ވައްކަމެއްގެ ވާހަކަ. އެޅުނު އެއްވެސް ފިޔަވަޅެއްނެތް. ޒީރޯ ޓޮލަރަންސްގެ މާނަ އޮޅިއްޖެ" އުޝާމް ވިދާޅުވިއެވެ.

އުޝާމް މިހެން ވިދާޅުވިއިރު ސަރުކާރުގެ އިދާރާތަކުގެ ކޮރަޕްޝަންގެ މައްސަލަތައް ރިޕޯޓްކުރަން ރައީސް އޮފީހުގައި ގާއިމްކޮށްފައިވާ ޕޯޓަލް އަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 209 މައްސަލައެއް ތަހުގީގުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

އަދި ޒީރޯ ޓޮލަރެންސް ކެމްޕެއިން ފެށިފަހުން، ސަރުކާރުގެ ކޮރަޕްޝަންގެ ޢަމަލުތައް އިތުރުވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ކަމަށާއި ނަމަވެސް ވިސްލްބްލޯ ޕޯރޓަލް އާއި ވިސްލްބްލޯ ޤާނޫނު ވުޖޫދަށް އައިފަހުން، ކޮރަޕްޝަންގެ ޢަމަލުތައް ހުށަހެޅޭ މިންވަރު، އެތައް ގުނައެއް އިތުރުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެކަން އެހެން މެދުވެރިވަނީ، ކޮރަޕްޝަން ހުއްޓުވަން މި ސަރުކާރުން ބޭނުންވާކަން ރައްޔިތުންނަށް ޤަބޫލުކުރެވި، ކޮރަޕްޝަންގެ މައްސަލަތައް މިނިވަންކަމާއެކު ހުށަހެޅޭނެ މަގު ރައްޔިތުންނަށް ފަހިވެފައި އޮތީމަ" ރައީސް ވިދާޅުވިއެވެ.

އަދި ނިޒާމުގެ ތެރެއިން ހުށަހަޅާ ޝަކުވާތަކާމެދު، އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅަމުންދާ ކަމަށާއި އެފަދަ މައްސަލަތަކުގެ ތެރެއިން ތަޙުޤީޤީ އިދާރާތަކުގެ ލަފައަށް ބިނާކޮށް، ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅުއްވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.