ޙައްދު ޤާއިމްކުރުން ފަދަ ކަންކަމުގައި ޑީއެންއޭއަކީ ހުއްޖަތެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.
ޝަހީމް މިހެން ވިދާޅުވެފައިމިވަނީ ޒިނޭކޮށްގެން ލިބޭ ކުއްޖެއްގެ ޑީއެންއޭ މީހަކާއި ދިމާވި ނަމަވެސް, އިސްލާމީ ޝަރީއަތުގައި އެއީ އެމީހަކު ޒިނޭ ކުރިކަން ސާބިތު ކުރެވޭނެ ހެއްކެއް ނޫންކަމަށް ދާދި ފަހުން ހައިކޯޓުން ކުރި ހުކުމަކާއި ގުޅިގެންނެވެ.
އެކަމާ ގުޅިގެން ޝަހީމު މިއަދު ވިދާޅުވީ ކައިވެނިން ބޭރުން ލިބޭ ދަރިއެއްގެ ޑީއެންއޭ އަކީ ޒިނޭކުރިކަން ސާބިތުކުރުމަށް އޮތް ޤަޠުޢީ ޙުއްޖަތެއްނޫންކަމަށް ހައިކޯޓުން ނިންމި ނިންމުމަކީ އިސްލާމީ ޝަރީޢަތުގެ އަޞްލުތަކުގެ މަތިން ބަލާއިރު ހަރުދަނާ ޤަޟާޢީ ނިންމުމެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
އެގޮތުން އިސްލާމީ ޝަރީޢަތުގައި ޙައްދުކަނޑައެޅިފައިވާ ކަންކަމާއި ޤިޞާޞްގެ ޙުކުމްތައް ފިޔަވައި އެހެނިހެން ޖިނާއީ ތަޙުޤީޤުތަކުގައްޔާއި ޤަޟާއީ ނިޒާމުގައި ޑީއެންއޭ ޤަރީނާ ޤަބޫލުކުރުމަށް ބާރު އަޅުއްވާ ކަމަށާއި ޑީއެންއޭ ޤަރީނާއަކީ (ބައްޔިނާތު) ހެއްކާ ޤަރީނާގެ ތެރެއަށް ވަންނަވަރުގެ ބުރަދަންހުރި ޢިލްމީ ޙުއްޖަތެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.
އަދި އައިޑެންޓިޓީ ކަށަވަރުކުރުމަށް ޑީއެންއޭ ބޭނުންކުރުން ޖާއިޒުކަންކަމުގެ ތެރޭގައި، ގެއްލިފައިވާ މީހާ، އަނދާފައިވާމީހާ، ހަނގުރާމަތަކާއި ހާދިސާތަކުގައި މަރުވާމީހާ، ކުޑަދެކުދިން އޮޅިގެން އައިޑެންޓިޓީ ދެނެގަތުން ފަދަ ކަންކަމުގައި ޑީއެންއޭ ޤަބޫލުކުރުމަކީ ޝަރީޢާ އާ ތަޢާރުޟުވާ ކަމެއްނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ޝަރުޢީ މަގުން ސާބިތުވެފައިވާ ނަސަބެއް އިތުރަށް ކަށަވަރު ކުރުމަށާއި ނަފީކުރުމަށް ޑީއެންއޭ ބޭނުންކުރުމަކީ ހުއްދަކަމެއްނޫން ކަމަށާއި ލިޢާން ކުރުމުގައި ޑީއެންއޭ ބޭނުންކުރުމަކީ ލިޢާންގެ ޝަރުޢީ ޙިކުމަތާއި މަޞްލަޙަތުތަކާ ފުށުއަރާކަމެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.
"ޑީއެންއޭއަކީ އޭގެ ޒާތުގައި ޞައްޙަކަންބޮޑު ޤަރީނާއަކަށް ވިޔަސް ނުފޫޒުން/އިންސާނުން ހަދާ ގޯހަކުން/އިހުމާލަކުން/ ލެބޯޓްރީގެ ފެންވަރުން އޭގެ ނަތީޖާއަށް އަސަރުކޮށްފާނެ އެއްޗެއް ކަމުގެ އިޙުތިމާލު އޮތުމުން ޙައްދުޤާއިމްކުރުން ފަދަ ކަންކަމުގައި ޑީއެންއޭއަކީ ޤަޠުޢީ ޙުއްޖަތެއް ނޫން" ޝަހީމް ވިދާޅުވިއެވެ.
މީގެއިތުރުން އިސްލާމީ ޝަރީޢާގައި ވަޙީގެ ޤަޠުޢީ ޙުކުމް އައިސްފައިވާ ކަންކަމުގައި ޑީއެންއޭ ބޭނުންކުރުން ހުއްދަ ނޫންކަމުގައި އޯއައިސީގެ އިންޓަރނޭޝަނަލް އިސްލާމިކް ފިޤުހު އެކަޑަމީއާއި މުސްލިމު ވޯލްޑްލީގްގެ އިސްލާމިކް ފިޤުހުއެކަޑަމީ އާއި މިޞްރުގެ ދާރުލްއިފްތާ އިން ނިންމާފައިވާކަން ވެސް ޝަހީމް ފާހަގަކުރެއްވިއެވެ.
އަދި އިސްލާމީ ޝަރީޢަތަކީ ޢިލްމާ ތަޢާރުޟްވާ ޝަރީޢަތެއްނޫން ކަމަށާއި ނަމަވެސް އިސްލާމީ ޝަރީޢަތުގައިވާ ޤަޠުޢީ ޙުކުމްތަކަކީ ވަޙީގެ މައްޗަށް ބިނާވެފައިވާ ޙުކުމްތަކެއްކަމުން ޤަޠުޢީ ޙުކުމްތައް އިސްލާމީ ޤަޟާޢީ ނިޒާމުން ދަމަހައްޓަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޤަޠުޢީ ޙުކުމްތަކާއި ޝަރުޢީ ޤަވާޢިދުތަކަށް ބެލުމެއްނެތި ނަސަބާއި ގުޅުން ހުރި ކަންކަމުގެ ތެރެއަށް ޑީއެންއޭ ވައްދައިފި ނަމަ، ޝައްކާ ވަހުމް ގިނަވެ އެތައް ބައެއްގެ އަބުރާއި ކަރާމާތު ހިނގައިދާނެ" ޝަހީމް ވިދާޅުވިއެވެ.
މީގެއިތުރުން ޒިނޭއާއި ކައިވެނީގެ ނަތީޖާއާމެދު ފަރަޤެއް ނުކުރާ މުޖުތަމަޢުތަކުގައި ބަފާ ކަށަވަރު ކޮށް ދަރިލެއްވުމަށް ޤާނޫނީ ގޮތުން ޑީއެންއޭ ބޭނުންކުރާ ބީދައިން، އެކަމުގައި ޤަޠުޢީ ޙުކުމްތަކެއް އޮތް ވަޙީގެ މައްޗަށް ބިނާވެފައިވާ ޝަރީޢަތަކަށް ޢަމަލުކުރާ މުޖުތަމަޢުތަކުގައި ޢަމަލެއް ނުކުރެވޭނެ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.