Last Updated: June 17, 18:14
Tuesday, June 17, 2025
ޚަބަރު

ޕާޓީގެ ރައީސް ކަމަށް އަންހެނުންނަށް ކުރިމަތިނުލެވޭ ގޮތް ނުހަދަން: އަދާލަތު

އަދާލަތު ޕާޓީގެ ރައީސް ކަމަށް އަންހެނުންނަށް ކުރިމަތިނުލެވޭ ގޮތަށް އެ ޕާޓީގެ ދުސްތޫރަށް އިސްލާހު ގެނެސްފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އެ ޕާޓީން ދޮގުކޮށްފިއެވެ.

ބައެއް މީޑިއާތަކުގައި ވަނީ އަދާލަތު ޕާޓީގެ ދުސްތޫރަށް މި އިސްލާހު ގެނެސްފައިވާ ވަރަށް ފަހުން ކަމަށް ބުނެފައެވެ. އެއާއެކު ގިނަ ބައެއްގެ ފާޑުކިޔުން އަދާލަތަށް ކުރިމަތިވަމުން އަންނައިރު، ބައެއް ފަރާތްތަކުން ވަނީ ދައުލަތުން ދެމުންދާ ފައިސާ ވެސް އެ ޕާޓީ އަށް ދިނުން ހުއްޓާލަން ގޮވާލާފައެވެ.

އެކަމާ ގުޅިގެން އަދާލަތުން މިއަދު ވަނީ އެ ޕާޓީގެ ދުސްތޫރަށް މިފަހުން އެއްވެސް އިސްލާހެއް ގެނެސްފައި ނުވާނެ ކަމަށް ބުނެފައެވެ.

ޢަދާލަތު ޕާޓީގެ ޤައުމީ މަޖިލިސް އަންނަ އަހަރުގެ ފެބުރުއަރީގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދާލަތު ޕާޓީން ބުނީ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 26 އަދި 27 ގައި ކަމަށެވެ.

އަދި ޤައުމީ މަޖިލީހުގެ ކުރިން، ޕާޓީގެ ރައީސާއި، ނައިބު ރައީސް ކަމުގެ އިންތިޚާބާއި، ދާއިރާ ރައީސުންނާއި ގޮފިތަކުގެ ހިންގާ ކޮމިޓީގެ އިންތިޚާބު މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އަދާލަތުން ބުނެއެވެ. އޭގެ އިތުރުން، ޢަދާލަތު ޕާޓީގެ ޒުވާނުންގެ މަޖިލީހާއި، އަންހެނުންގެ މަޖިލީހާއި، ފަނޑިޔާރުންގެ މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވައިލެވޭނެ ކަމަށް އެ ޕާޓީން ބުނެއެވެ.

ޤައުމީ މަޖިލީހަކީ ކޮންމެ ދައުރެއް ނިމުމުން ބޭއްވުމަށް ޢަދާލަތު ޕާޓީގެ ދުސްތޫރު ބަޔާންކޮށްފައިވާ ޕާޓީގެ އެންމެ އިސް ރުކުން ކަމަށް އެ ޕާޓީން ހާމަކުރެއެވެ.