Last Updated: April 18, 22:36
Thursday, April 18, 2024
ރިޕޯޓް

ދިވެހި ދަރިވަރުންގެ ހައްގުތައް ގެއްލޭއިރު ސަރުކާރު ނުކުޅެދިފައި!

އަހަރު ނިމިގެން މިދަނީ އައްޑޫ ސިޓީ ގަމުގައި ހިންގަމުން އަންނަ ފްލައިން ސްކޫލްގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުން ފުން މާޔޫސްކަމެއްގެ ތެރޭގައި ތިއްބައެވެ. ދަރިވަރުން މި މާޔޫސްކަމެއްގެ ތެރޭގައި ތިބޭތާ އަހަރުތަކެއް ހަގީގައި މިހާރު ވެއްޖެއެވެ. ނަމަވެސް ސްކޫލުން ވަކިކޮށްފާނެ ކަމުގެ ބިރު ހިތުގެ ތެރޭގައި އޮތް ނަމަވެސް ގޮތް ހުސްވެ އެންމެފަހުން މިއަހަރުގެ ފަހުކޮޅު ދަރިވަރުން މިވަނީ އެ ވާހަކަތައް އާންމުންނާއި ހަމައަށް ފެންމަތިކޮށްލާފައެވެ. ހަމަ އެންމެ އުއްމީދެއްގައި ތިބެއެވެ. އެއީ ރަނގަޅު ގޮތެއް ކަމާބެހޭ އިދާރާތަކުން ހޯދައިދޭނެ ކަމުގެ އުއްމީދެވެ. ނަމަވެސް އެކަން ވެސް މިވީ ކުށް ހީއަކަށެވެ.

ފްލައިން ސްކޫލްގެ މައްސަލަ ނޭނގޭ ސަރުކާރުގެ އިދާރާއެއް މުއައްސަސާއެއް މިހާރު ނެތޭ ބުނުމަކުން ވެސް ދޮގަކަށް ނުވާނެއެވެ. ނަމަވެސް މިހާތަނަށް ބަޔާންތަކެއް ނެރެލައި "ހެޑްލައިނަށް" އަރާލުން ނޫން ކަމެއް ސަރުކާރުގެ ވުޒާރާތަކަށް ކުރެވުނުތަނެއް ނުފެނެއެވެ. އަމަލީ ގޮތުން ސްކޫލުގައި ރަނގަޅުވި ކަންކަން އަތުން ގުނާލެވޭހާ މަދެވެ. ކަންކަން ރަނގަޅުކުރަން ސްކޫލަށް އެންގުނު އަދަދެއް ވެސް ނޭނގެއެވެ. އެންގުންތައް އަންގާފައިވަނިކޮށް 15 ދަރިވަރަކު އިންޒާރަކާއި ނުލައި (މިހާރު އަލުން ވައްދާފައި) ވަކިކޮށްލީއެވެ. މި ހުންނަނީ ސީދާ ނަފްސާނީ ގޮތުން ދަރިވަރުންނާ ކުޅެލާ ޒާތުގެ ކަންކަމެވެ. ނަމަވެސް ފިޔަވަޅުތަކެއް އެޅުމުގެ ބަދަލުގައި އަނެއްކާވެސް ސަރުކާރުން ސްކޫލަށް ދިނީ އިސްލާހުވާން ފުރުސަތެކެވެ. މިއީ ދަރިވަރުންނަށް ކުރި މަލާމާތެއްތޯއެވެ؟

މިސާލެކެވެ. ފްލައިން ސްކޫލްގެ ދަރިވަރުންގެ އަތުން ޑޮލަރުން ފީ ނުނަގަން ސަރުކާރުގެ ދެ ވުޒާރާއަކުން ދެ ފަހަރެއްގެ މަތިން ބަޔާން މެދުވެރިކޮށް ސްކޫލަށް ވަނީ އަންގާފައެވެ. ނަމަވެސް މިދިޔަ ހަފްތާގައި ވެސް ދަރިވަރުން ސްކޫލްގެ އިސް ފަރާތްތަކާ ބައްދަލުކުރުމުން ޑޮލަރުން ނޫން ގޮތަކަށް ފީ ބަލައިނުގަންނާނެ ކަމަށް ވަނީ ބުނެފައެވެ. މީގެ ސަބަބުން އެތައް ދަރިވަރުންނެއްގެ ފްލައިން މެދުކެނޑި ގޭގައި ތިބެން ޖެހިފައިވާ ހާލަތަށް ވަނީ ކަންކަން ގޮސްފައެވެ. ފިނި ކޮޓަރީގައި ތިބި ވުޒާރާތަކުގެ ވެރީން އަދިވެސް ތިބީ ކުޅި ބަލަންށެވެ.

ގައުމެއްގެ ދިރުމަކީ އެގައުމެއްގެ ޒުވާނުންނެވެ. އެ ޒުވާނުންނަށް ކުރިއަށް ދެވޭނެ ގޮތެއް ނެތި މަގު ބަންދުވެއްޖެނަމަ އެ ބަންދުވަނީ ހަގީގަތުގައި ވެސް ގައުމުގެ ކުރިމަގެވެ. އެއަށް ވުރެ ބޮޑު ހިތާމައަކީ ޒުވާނުންގެ އާދޭސްތަކުގެ އަޑުތައް ހަގީގަތުގައި ވެސް ސަރުކާރަށް ރަނގަޅަށް އަޑު ނީވުމެވެ. މިއަދު މި ފެންނަނީ އެ މަންޒަރެވެ. އަމިއްލަ ގައުމުގައި 100 އަށް ވުރެ ގިނަ ދިވެހި ޒުވާނުން ގޮތް ހުސްވެ، މާޔޫސްވެ، ނަފްސާނީ ގޮތުން އަސަރުކުރާ ހިސާބަށް ކަންކަން ވަނީ ގޮސްފައެވެ. އަމިއްލަ ގައުމުގައި ޒުވާނުންތަކެއް ގަނަތެޅެން ޖެހިއްޖެނަމަ އެއީ ސަރުކާރަށް ވެސް ހުރި ލަދެއް ނޫންތޯއެވެ؟

ކުރިން ވެސް ބުނި ގޮތަށް ފްލައިން ސްކޫލްގެ މައްސަލަތައް މިހާ ވަރަށް ބޮއްސުންލައިގެން ގޮސްފައިމިވަނީ އިއްޔެއަކު ނުވަތަ މިއަދަކު އެއް ނޫނެވެ. މިއީ އެތައް އަހަރެއްގެ އިހުމާލެވެ. މި އިހުމާލުތައް ވާން ފްލައިން ސްކޫލް ހިންގާ އޭޝިއާ އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އަށް ޖާގަ ލިބުނީ ދިވެހިންގެ ވެސް މަދަދާއި އެކުއެވެ. ވަކިން ހާއްސަކޮށް ސިވިލް އޭވިއޭޝަނުގައި ޒަމާންތަކެއް ވަންދެން އަދި ޓްރާންސްޕޯޓު މިނިސްޓްރީގައި މިހާރުވެސް އިސް މަގާމުތަކެއްގައި ތިބި ބައެއްގެ އެއްބާރުލުމާއެކުއެވެ. ކަންކަން ހަމަޔަކަށް އެޅުވުމުގެ ފުރަތަމަ ބިންގާ އަކީ އެފަދަ ފަރާތްތައް މަގާމުތަކުން އެކަހެރި ކުރުމެވެ. އެ ފަރާތްތަކަކީ ބޮޑު މުސާރަ ނަގައިގެން އެތައް ދަރިވަރުންނެއްގެ ހައްގުތަކަށް އަރައިގެންފައިވާ ފަރާތްތަކެކެވެ.

18 މަސް ދުވަހުން ނިމޭނެ ކަމަށް ބުނި ކޯހެއްގެ ހަތަރު، ފަސް އަހަރުވީ އިރު ވެސް ނުނިމި ސްކޫލްގެ އެތައް އިހުމާލެއް އޮތްއިރު ވެސް މި މީހުންގެ މައްޗަށް ގާނޫނީ ބާރު ހަމަ ހިލާ ހިނގާ ގޮތެއް ނުވިއެވެ. ޔަގީނުން ވެސް ގާނޫނީ ބާރު ނުހިނގާވަރުގެ ސްކޫލެއް ރާއްޖޭގައި ހިންގުމަކީ ކަންބޮޑުވާ ކަމެކެވެ. އަދި 3 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މި މައްސަލައަށް ފިޔަވަޅު އަޅަން "އުޅެ އުޅެ" ޓްރާންސްޕޯޓް މިނިސްޓަރު ނޭޅުއްވުމަކީ އެންމެ ޒިންދާދުގޮތްތޯއެވެ؟

ގިނަ ދަރިވަރުންތަކެއްގެ މަސްލަހަތު ހިމެނޭ މިކަމުގައި އަދިވެސް ރަނގަޅުކުރާނެ މުއްދަތާއި އިންޒާރުދީ ތިބުމުގެ ބޭނުމެއް ނުވިސްނެއެވެ. އޮޑިޓްތަކާއި އިންސްޕެކްޝަން ވިޒިޓްތަކުން ހާމަނުވި ކަމެއް ހަމަ ކުއްލިއަކަށް މާދަމާ ހާމަވާނެ ކަމަށް ގަބޫލުކުރަން ވަރަށް ދައްޗެވެ. ފެންނަން އޮތް މަންޒަރަކީ އެހެން ސަރުކާރުތަކެކޭ އެއްގޮތަށް މި ސަރުކާރަށް ވެސް ފްލައިން ސްކޫލް ޒިންމާދާރު ނުކުރެވިގެން އުޅޭ މަންޒަރެވެ. ދަރިވަރުންނަށް އިންސާފު ނުލިބުމެވެ. ސަރުކާރު ގޮތް ހުސްވެ، ނުކުޅެދިފައިވާ މަންޒަރެވެ.