Last Updated: June 17, 18:14
Tuesday, June 17, 2025
ޚަބަރު

ވަޒީފާގެ ރައްކާތެރިކަމެއް ނެތް، އެތައް އާއިލާއެއް ބިކަވެއްޖެ: އިދިކޮޅު

ވަޒީފާގެ ރައްކާތެރިކަމެއް ނެތް ކަމަށާއި ސަރުކާރުގެ ލާއިންސާނީ އަމަލުތަކުގެ ސަބަބުން އެތައް އާއިލާއެއް ބިކަވެފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން މިހެން ބުނެފައިމިވަނީ ޕީޕީއެމްގެ ކައުންސިލް މެމްބަރު ސޫދާ އަބްދުﷲ އެމްޕީއެލްގެ ވަޒީފާ އިން އިއްޔެ ވަކިކުރުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އެގޮތުން އެ ބަޔާނުގައި ބުނީ މި ސަރުކާރު ވެރިކަމަށް އައީ ވަޒީފާގެ ބިރުވެރިކަން ނައްތާލުމަށާއި، ވަކި ސިޔާސީ ކުލައަކަށް ވަކި ފިކުރަކަށް ތާއީދުކުރާ ފަރާތްތަކަށް ވެސް ވަޒީފާގެ ރައްކާތެރިކަން އޮންނާނެ ކަމަށް ބުނަމުން ކަމަށެވެ. ނަމަވެސް ވެރިކަން ލިބުމާއެކު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި އެ ކޯލިޝަނަށް ތާއީދުކުރާ ފަރާތްތަކަށް ބިރު ދައްކާ ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

"މި ކޯލިޝަނަށް ނިސްބަތް ނުވި ކަމުގައިވިޔަސް މި ސަރުކާރުގެ ސިޔާސަތުތަކާ މެދު ހިތްހަމަ ނުޖެހިގެން ހިޔާލުފާޅުކުރާ އެތައް ބަޔަކު ވަޒީފާ އިން ކަނޑަމުންދާ ކަމީވެސް ކޯލިޝަނުން ކަންބޮޑުވާ ކަމެއް" އެ ބަޔާނުގައި ވެއެވެ.

މީގެއިތުރުން ސަރުކާރުގެ ލާއިންސާނީ މި އަމަލުތަކުގެ ސަބަބުން އެތައް އާއިލާއެއް ބިކަވެ، ނިކަމެތިވަމުންދާ ކަމަށާއި އެހެންކަމުން މިފަދަ އަމަލުތައް ހުއްޓާލައި، ވަޒީފާ އަދާކުރާ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށް ކަށަވަރުކޮށްދިނުމަށް އިދިކޮޅުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.