އެއް ކްލަބަކަށް އެންމެ ގިނަ ގޯލް ޖަހައިގެން ބްރެޒިލްގެ ލެޖެންޑް ޕެލޭ ހަދާފައިވާ ރެކޯޑް ބާސެލޯނާގެ ލިއޮނަލް މެސީ ރޭ މުގުރާލައިފި އެވެ.
މެސީ މި ރެކޯޑު މުގުރާލީ ސްޕެނިޝް ލީގުގައި ރޭ ވަޔަޑޮލިޑްގެ މައްޗަށް 3-0 އިން ބާސާ އިން ކުރި ހޯދި މެޗުގައެވެ. ރޭގެ މެޗުގައި ކާމިޔާބުކުރި ގޯލާއެކު މެސީ މިހާރު ވަނީ ބާސާ އަށް ކުޅެދިން 749 މެޗުން 644 ލަނޑު ކާމިޔާބުކޮށްދީފައެވެ.
މި ރެކޯޑު ޕެލޭ މީީގެކުރިން ގާއިމުކޮށްފައިވަނީ ބްރެޒިލްގެ ސަންތޯސް އަށް 1956-1974 އަށް 656 މެޗުން 643 ގޯލް ޖަހައިގެންނެވެ. އެ ރެކޯޑާއި މެސީ އަރާ ހަމަކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
މެސީގެ އިތުރުން ރޭގެ މެޗުގައި ބާސާގެ ގޯލުތައް ދެން ކާމިޔާބުކޮށްދިނީ މާޓިން ބްރެއިތުވެއިޓް އާއި ޑިފެންޑަރު ކްލެމެންޓް ލެންގްލޭއެވެ.
ރޭގެ މޮޅާއެކު ބާސެލޯނާ އޮތީ 14 މެޗުން ލިބުނު 24 ޕޮއިންޓާ އެކު ލީގުގެ ފަސް ވަނައިގައެވެ. ތާވަލުގެ އެއް ވަނައިގައި އޮތީ 13 މެޗުން 32 ޕޮއިންޓް ހޯދާފައިވާ އެތުލެޓިކޯ މެޑްރިޑެވެ.