މަނީ ލޯންޑަރިންގެ ތުހުމަތު ކުރަނީ ސިޔާސީ މަންފާއަކަށް ކަމަށް މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝަޒައިލްގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލަ ތަޙްޤީޤު ކުރުމަށް އޭސީސީން ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. ޝަޒާއިލްގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވިފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ކޮރަޕްޝަންގެ މައްސަލައިގެ ތަހްޤީޤުގެ ތެރެއިން ކަމަށް އޭސީސީން ހާމަކުރެއެވެ.
އެކަމާ ގުޅިގެން ޝަޒައިލް ވިދާޅުވީ އޭނާގެ މައްޗަށް ކުރެވުނު ކަރަޕްޝަންގެ ތުޙުމަތު ސާބިތު ނުވުމުން ސިޔާސީ ތުޙުމަތެއް ގޮތަށް މަނީލޯންޑަރިންގެ ތުޙުމަތެއް ބޮލުގައި އެޅުވުމަކީ ތާކުންތާކު ނުޖެހޭ އަދި ބަލައިގަނެވޭނެ ކަމެއް ނޫން. ކަމަށެވެ.
"އާއިލީ ވިޔަފާރި ދެމިއޮންނަތާ ޤަރުނެއް ވެއްޖެ. ވަކިބައެއްގެ ސިޔާސީ މަންފާއަކަށް އަބުރުކަތިލަން ކުރެވުނު ތުޙުމަތުތަކާ ސާބިތުކަމާއެކު ކުރިމަތިލާނަން" ޝަޒައިލް ވިދާޅުވިއެވެ.
އޭސީސީން ދަނީ ޝަޒާއިލްގެ މައްޗަށް ތުހުމަތު ކުރެވޭ، ފައިސާގެ މުޢާމަލާތް ހިންގުމުގައި އޮޅުވާލި މައްސަލައަކާއި މުވައްޒަފުން ނެގުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކުރި މައްސަލައަކާއި މަރާމާތުގެ މަސައްކަތެއްގައި ހިންގި ކޮރަޕްޝަންގެ މައްސަލައެއް ތަޙްޤީޤު ކުރަމުންނެވެ.
މި މައްސަލަތަކާއި ގުޅިގެން އޭނާ ސަސްޕެންޑްކޮށްފައި ހުންނަތާ މިހާރު ވަނީ އަހަރަކަށް ވުރެ ގިނަ ދުވަސް ވެގެންގޮސްފައެވެ.
ޝަޒައިލް ސަސްޕެންޑް ކުރިއިރު މޯލްޑިވްސް ގޭހުން އަގުބޮޑުކޮށް ސަޕްލަޔަރެއްގެ އަތުން ގޭސް ގަންނަ މައްސަލައެއް ރައްޔިތުން މަޖިލީހުގެ އެސްއޯއީ ކޮމިޓީއިން އަންނަނީ ބަލަމުން އެވެ.
މޯލްޑިވް ގޭހުގެ އެމްޑީގެ މަގާމަށް ޝަޒައިލް އައްޔަން ކުރައްވާފައިވަނީ މިދިޔަ ޖެނުއަރީ ހަވަނަ ދުވަހުއެވެ.