ގދ.ފިޔޯރީއާއި ކ.ހިންމަފުށީގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި ބިޔަރު ދަޅުތަކަކާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.
އެގޮތުން ފިޔޯރީގައި ހިންގި އޮޕަރޭޝަނަކީ ފިޔޯރީން އެ އަތޮޅު ރަތަފަންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފިޔޯރީގައި މަސައްކަތްކުރާ ފުލުހުންނާ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
ފުލުހުން ބުނީ މި މަހުގެ 21 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި 19 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން އެމީހާ ހައްޔަރުކޮށްފައިވަނީ ފިޔޯރީ ބަނދަރުމަތިން އޭނާ ހުއްޓުވާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނުމާއި ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފިޔޯރީ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.
ހިންމަފުށީގައި ހިންގި އޮޕަރޭޝަނަކީ ހިންމަފުށީ ފެކްޓްރީއެއްގައި ބަނގުރާ ގެންގުޅެ، އެތަކެތީގެ ބޭނުންކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންމަފުށީގައި މަސައްކަތްކުރާ ފުލުހުންނާ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
މި މަހުގެ 21 ވަނަ ދުވަހު ހިންގި މި އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެފެކްޓްރީ ބަލައިފާސްކުރިއިރު އެތަނުން 49 ދަޅު ބިޔަރު ފެނިފައިވާއިރު އެ މިމައްސަލައާ ގުޅިގެން 56 އަހަރުގެ ލަންކާ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެގޮތުން އޭނާގެ ބާންދާމެދު ގޮތެއް ނިންމުމަށް ހުރާ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.