ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެ ބިލެއް މިއަދު ތަސްދީގު ކުރައްވައިފިއެވެ.
ރައީސް ސޯލިހު މިއަދު ތަސްދީގު ކުރެއްވީ ރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ނުވަވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ.
މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގައި ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) އިތުރަށް ބާރުވެރިކުރުމުގެ ގޮތުން ކެޕިޓަލް މާރކެޓް ފުޅާކުރުމަށްޓަކައި، މާރކެޓަށް ގެނެވޭ އިތުރު ވަސީލަތްތަކާއި ޕްރޮޑަކްޓްތައް ދިރާސާކޮށް، އެ ފަދަ އައު ވަސީލަތްތަކަކީ މާރކެޓް ފުޅާކުރުމަށް ބާރު ލިބޭނެ އަދި އިންވެސްޓްމަންޓް ފުރުޞަތުތަކަށް މަގުފަހިވާ ކަމެއްކަމުގައި ފެންނަ ޙާލަތުގައި އެ ފަދަ ކަންކަން މާރކެޓަށް ތަޢާރުފުކުރުމަށް ބޭނުންވާ ރެގިއުލޭޓަރީ އޮނިގަނޑު ކަނޑައެޅުމުގެ މަސްއޫލިއްޔަތު އެ އިދާރާގެ މަސްއޫލިއްޔަތާއި ވާޖިބުތަކުގެ ތެރޭގައި ހިމަނާފައިވެއެވެ.
އަދި، ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކާއި ސެކިއުރިޓީޒް ދޫކުރުމާ ގުޅުންހުރި ފަރާތްތަކުގެ މަޢުލޫމާތު ހާމަކުރުމުގެ ޒިންމާ އަދާކުރޭތޯ ބެލުމާއި، އެ ފަރާތްތަކުން ހިއްސާދާރުންނާއި އިންވެސްޓަރުންނަށް އޮތް ޒިންމާ އަދާކުރޭތޯ ބަލައި ފިޔަވަޅު އެޅުމާއި، ސެކިއުރިޓީޒްއާ ގުޅުންހުރި މަޢުލޫމާތު ހޯދައި، ދިރާސާތައްކޮށް، އަދި އަދި އެ ކަންކަމާމެދު ޢާންމުން އަހުލުވެރިކުރުވުން ވެސް، އެ އިދާރާގެ މަސްއޫލިއްޔަތާއި ވާޖިބުތަކުގެ ތެރޭގައި ހިމަނާފައިވެއެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އިޞްލާޙުގެ ދަށުން ކައުންސިލްތަކުގެ ސިޔާސަތުތަކާއި އުޞޫލުތަކާއި ޤަވާޢިދުތައް ކަނޑައެޅުމާއި ތަންފީޛުކުރުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާޢަތުތަކާއި، ލޭންޑް ޔޫޒް ޕްލޭނުގައި ކައުންސިލްތަކާއި ސިޓީތަކުން ހިމަނަންޖެހޭ މަޢުލޫމާތުތައް ބަޔާންކޮށްފައިވެއެވެ. އަދި ކައުންސިލްތަކަށް ދެވޭ ހިލޭ އެހީގެ ފައިސާ ބޭނުންކުރުމުގައި ޢަމަލުކުރަންވީ ގޮތް ބަޔާންކުރާ ޤަވާޢިދު ހަދަން ވާނީ މި ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް ފިނޭންސްއިން ކަމުގައި ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، މި އިޞްލާޙާއެކު އެކިއެކި މާއްދާތަކަށް ގެނެވިފައިވާ ބަދަލުތަކާއެކު، އެ މާއްދާތަކާ ތަޢާރުޟުވާ ބައެއް މާއްދާތައް ވަނީ އުނިކޮށްފައެވެ. އަދި މިހާރު ޢަމަލުކުރަމުންދާ ޤާނޫނުތަކުގެ ތެރެއިން މި ޤާނޫނާއި މި ޤާނޫނުގެ މަޤްޞަދުތަކާއި ތަޢާރުޟުވާ ޤާނޫނުތައް ފާހަގަކޮށް މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި އެ ފަދަ ޤާނޫނުތަކަށް އިޞްލާޙު ގެނައުމަށްޓަކައި ދައުލަތުގެ ބަންޑާރަނައިބު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަންވާނެ ކަމުގައި ބަޔާންކޮށްފައިވެއެވެ.