Last Updated: May 9, 20:14
Thursday, May 9, 2024
ކުޅިވަރު

ޓުޗެލް ވަކިކުރުމަށްފަހު ޕީއެސްޖީގެ ކޯޗުކަން ޕޮޗެޓީނޯ އަށް

ޕީއެސްޖީގެ ކޯޗުކަމުން ތޯމަސް ޓުޗެލް ވަކިކޮށްފިއެވެ.

އުމުރުން 47 އަހަރުގެ ޓުޗެލް ޕީއެސްޖީގެ ކޯޗުކަމުގެ މަގާމުން ކުއްލި ގޮތަކަށް ވަކިކޮށްފައިވާއިރު އޭނާއާއެކު އެ ކްލަބުން ހަދާފައިވާ ކޮންޓްރެކްޓް ހަމަވާން ބާކީ އަދި ހަ މަސް އެބައޮތެވެ.

ޓުޗެލް މަގާމުން ވަކިކުރި ސަބަބެއް އަދި މިހާތަނަށް އެނގިފައި ނުވާއިރު، ޕީއެސްޖީ މިވަގުތު އޮތީ ފްރެންޗް ލީގުގެ އެއްވަނައިގައި އޮތް ލިޔޯން އަށް ވުރެ އެއް ޕޮއިންޓު ފަހަތުން ލީގުގެ ތިންވަނައިގައެވެ. ޓުޗެލް ވަނީ މިދިޔަ ސީޒަނުގައި ފުރަތަމަ ފަހަރަށް ޕީއެސްޖީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ވެސް ގެންގޮސްދީފައެވެ.

ޓުޗެލް އަށްފަހު ޕީއެސްޖީގެ ކޯޗުކަމުގެ މަގާމާއި ހަވާލުވުން ދެން އެންމެ ގާތީ ޓޮޓެންހަމްގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ޓޮޓެންހަމްގެ ކޯޗުކަމުގެ މަގާމުން ވަކިކުރި ފަހުން މިއަދާއި ހަމައަށް ޕޮޗެޓީނޯ ހުރީ ކޯޗިންގެ ދާއިރާ އާއި ދުރުގައެވެ.

ރިޕޯޓުތައް ބުނާގޮތުން ޕީއެސްޖީ އާއި ޕޮޗެޓީނޯ އާއި ދެމެދު ފާއިތުވި 24 ގަޑިއިރުތެރޭ ވަނީ މިކަމާ ގުޅޭގޮތުން މަޝްވާރާތައް ކުރިއަށް ގެންގޮސްފައެވެ. ޕޮޗެޓީނޯ އަކީ މީގެކުރިން ޕީއެސްޖީ އަށް ކުޅެފައިވާ ކުޅުންތެރިއެއް ވެސް މެއެވެ.